ފޮޓޯ ؛ މިހާރު

އިންޑިއާގެ އެހީގައި ފެހެންދޫ ދަރިވަރުންނަށް ފެރީއެއް

އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދެއްވާފައިވާ 106 މިލިއަން ދިވެހި ރުފިޔާ (6.9 މިލިއަން އެމެރިކާ ޑޮލަރު) ގެ ހިލޭ އެހީގެ ތެރެއިން މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫގެ ކިޔަވާ ކުދިން އެ އެރަށާ އެއްފަޅެއްގައި އޮންނަ އެ އަތޮޅު ގޮއިދޫ ސްކޫލަށް ކިޔަވަން ދިއުމަށް ރަނގަޅު ފެންވަރުގެ ފެރީއެއް ހަމަޖެއްސުމަށް 1.5 މިލިއަން ރުފިޔާ ކަނޑައަޅުއްވައިފިއެވެ.

ރަށުގެ އާބާދީ ކުޑަވުމުގެ ސަބަބުން ކުރީގެ ފެހެންދޫގެ ސްކޫލް ބަންދުކުރުމާ ގުޅިގެން، ފެހެންދޫގެ ކިޔަވާކުދިން ތައުލީމު އުގެނެމުން ދަނީ އެއް ފަޅެއްގައި އޮންނަ ބ. ގޮއިދޫ ސްކޫލަށް ކުޑަ ޑިންގީއެއްގައެވެ. މިވަގުތު ކުދިން ދަތުރުކުރަމުންދާ ފެރީ ހަމަޖައްސަވައިފަނީ ކައުންސިލާއި ދަރިވަރުންގެ ބެލެނިވެރިން ގުޅިގެންނެވެ. އެހެންނަމަވެސް މިހާރު ބޭނުންކުރަމުންދާ ޑިންގީ ބާވެ، ހަލާކުވަމުންދިއުމާއެކު ދަރިވަރުންގެ ކިޔެވުމަށް ބުރޫ އަރާފާނެ ކަމަށް ބެލެވެއެވެ. މި ޕްރޮޖެކްޓުގެ ދަށުން މި މައްސަލައަށް ދާއިމީ ހައްލެއް ހޯދި، އެއްވެސް ހުރަހެއް ނެތި ފެހެންދޫގެ ކިޔަވާ ކުދިންނަށް ސްކޫލަށް ދެވޭނެ މަގު ފަހިވެގެންދާނެއެވެ. 

އިޖްތިމާއީ-އިޤްތިޞާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށްޓަކައި އިންޑިއާ ސަރުކާރުން ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވީ މި އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ހަރ އެކްސަލަންސީ ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

މި އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓުތައް ހިންގާނީ ރާއްޖޭގެ ކަމާބެހޭ މުއައްސަސާތައް ގުޅިގެންނެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް