މަސްތުވާތަކެތި ބޭނުންކޮށް ހަށިވިއްކައި ރޯދަ މަހު ދުވާލު ކެއުމަށް ބޭނުން ކުރަމުން އައި ގެއެއްގެ މައްސަލަ ބަލަން ފަށައި ފުލުހުންގެ އެހީތެރިކަމާއެކު އެ ގެ ރޫޅާލައިފިއެވެ.
ފުލުހުން ވިދާޅުވީ ލ. ފޮނަދޫ ކުރިގަމު އަވަށުގެ ވަލުގައި ހުރި އެ ގެއަކީ ރޯދަމަހުގެ ދުވާލު ކެއުމާއި، ހަށި ވިއްކުމާއި މަސްތުވާތަކެތި ބޭނުން ކުރުން ފަދަ ކުށްތަކަށް އަރައިގަތުމަށް ބޭނުންކުރާ ގެއެއް ކަމަށް މައުލޫމާތު ލިިބިފައިވާ ކަމަށެވެ.
ކައުންސިލްގެ ހުއްދަނެތި ފޮނަދޫގެ ބަންޑާރަ ބިމެއްގައި އަޅާފައިވާ މިގޭގެ މައްސަލަ ފުލުހުންނާއި ޙިއްސާކޮށްފައިވަނީ އެރަށު ކައުންސިލުންކަމަށްވެސް ވެއެވެ.
ފުލުހަށް މި މައްސަލަ ކައުންސިލުން ހުށަހަޅާފައިވަނީ މި މަހުގެ އެއްވަނަ ދުވަހު އެވެ. ކައުންސިލްގެ އެދުމުގެ މަތިން އެ ގެ ރޫޅައިލުމުގެ މަސައްކަތް ކުރިއަށް ދިޔައިރު ފުލުހުން ވަނީ އެ ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓައިދީފައެވެ.