މާލެ އާއި އަތޮޅުތަކުގައި މަގުމަތީގެ އެކްސިޑެންޓްތަކުގެ ސަބަބުން ބޮލަށް ލިބޭ އަނިޔާތައް އިތުރުވެފައިވާތީ، އައިޖީއެމްއެޗަށް ނާރުގެ އޮޕަރޭޝަން ޑޮކްޓަރަކު ހޯދަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް ސަލީމް (ކުޑަ ބަންދޭ) މިއަދު ވިދާޅުވެއްޖެއެވެ.
އައިޖީއެމްއެޗްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަލީމް ވިދާޅުވީ، އައިޖީއެމްއެޗަށް ނާރުގެ އޮޕަރޭޝަންތަކަށް ޚާއްސަ ޑޮކްޓަރަކު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ ޑޮކްޓަރު ގެންނާނީ އިންޑިއާގެ މިއޮޓް ހޮސްޕިޓަލުން ކަމަށެވެ.
މި ޑޮކްޓަރު ފުރަތަމަ ގެންނަން ހަމަޖެއްސީ އެއް މަސް ދުވަހަށް ނަމަވެސް، މި ޑޮކްޓަރު އައިޖީއެމް ހޮސްޕިޓަލްގައި ދާއިމީ ކުރުމުގެ ކަންކަން މޮއޯޓް ހޮސްޕިޓަލާއި ގުޅިގެން ކުރިއަށް ދާނެ ކަަމަށްވެސް ސަލީމް ވިދާޅުވިއެވެ.
"ފުރަތަމަ ޓްރައަލް ޕީރިއަޑަކަށް ގެނެސް ބަލާފައި، އަޅުގަނޑުމެން މިއޮޓް ހޮސްޕިޓަލާ އެކު ދާއިމީ އެއްބަސްވުމަކަށް ދާނީ. އޭރުން މިތާ ހުންނަވާނެ ދާއިމީކޮށް ނާރުގެ އޮޕަރޭޝަންތަކަށް ޚާއްސަ ޑޮކްޓަރެއް،" ސަލީމް ވިދާޅުވި އެވެ.
މާލޭގައި އެކްސިޑެންޓްތައް ހިނގާ މިންވަރަށް ބަލާއިރު، މިދިޔަ ހަފުތާގައި އެކަނިވެސް 64 އެކްސިޑެންޓް ހިނގާފައިވެ އެވެ. އަދި އޭގެތެރެއިން 17 މީހަކަށް އަނިޔާވެފައިވެއެވެ.
މީގެއިތުރުން ސަލީމް ފާހަގަކުރެއްވިގޮތުގައި، މިއުޓް ހޮސްޕިޓަލުގެ ޑޮކްޓަރު ވަޑައިގެން ޚިދުމަތް ފެށުމުގެ ކުރިން ވެސް މައްސަލަ އަށް ހައްލު ހޯދަން އޭޑީކޭއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާނެއެވެ. މި އެއްބަސްވުމަކީ، އެކްސިޑެންޓުތަކުގައި، ނާރުގެ އޮޕަރޭޝަންތައް ކުރަން ޖެހޭ މީހުންނަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށެވެ.