30 މީހުންނާއެކު ސަފާރީއެއް ނަގިލި ކަހާލާ ގަލަކަށް އަރައިފި

މ.ނާލާފުށި ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގެ ނަގިލި، މޫސުން ގޯސްވުމުގެ ސަބަބުން ކަހާލާ ގަލަކަށް އަރައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، "ކަޕީޑިއަމް" ނަމަކަށް ކިޔާ ސަފާރީ ގަލަކަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުން އެ ސަފާރީ ފުންކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބިފައިވަނީ ހެނދުނު 06:45 ހާއިރު ކަމަށާއި، ނަގިލި ކަހާލައިގެން ގަލަކަށް އެރިއިރު ސަފާރީގައި 8 ދިވެހިންނާއި 5 ބިދޭސީންނާއެކު 13 ފަޅުވެރިން އަދި 17 ފަތުރުވެރިން ތިބިކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެފައިވާއިރު، މާލޭން އައްޑޫސިޓީއަށް ދަތުރަށް ފުރިފަހުން ޚަބަރެއް ނުވެގެން އުޅުނު “އުފުރިޔާ” ދޯނި ހޯދައި، އޭގައި ތިބި މީހުން ސަލާމަތް ކުރި ނަމަވެސް އެދޯނި ވަނީ ކަނޑަށް ދޫކޮށްލާފައެވެ.

އީދު ބަންދާ ދިމާކޮށް މޫސުން ގޯސްވުމާއި ގުޅިގެން ބައެއް ލޯންޗުތަކުގެ ދަތުރުތައްވެސް ވަނީ މާދަމާއަށް ފަސްކޮށްފައެވެ. އަދި ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދެއްވުމަށްވެސް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް