ހުޅަނގު މޫސުމުގެ ވިއްސާރަ ގަދަވެ އުތުރަށް ކުރަމުންދާ ވިއްސާރައިގައި މިއަދު މެންދުރުން ފެށިގެން ބޯކޮށް ވާރޭ ވެހި ކުޅުދުއްފުށީގައި ފެންބޮޑުވެ، ގިނަ ގެތަކަކަށް ފެންވަދެ ބައެއް ގެތަކުގައި ދިރި ނޫޅެވޭ ވަރަށް ގެއްލުންވެއްޖެއެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން މީޑިއާއަށް ވިދާޅުވީ، ފެންބޮޑުވެ ގިނަ ގެތަކަށް ފެންވަދެފައިވާކަމުގެ ރިޕޯޓް އެ ކައުންސިލަށް ލިބިފައިވާކަމަށާއި، އޭގެ ތެރެއިން 6 ގެޔަކަށް ދިރިއުޅެން ދަތިވާވަރަށް ފެން ވަދެފައިވާ ކަމަށެވެ.
މީގެ އިތުރުން ދެ ގެއަކަށް ފެންވަދެ ދިރިނޫޅެވޭ ވަރަށް ގެއްލުންވެފައިވާތީ، އެ ދެ އާއިލާ ރައްކާތެރި ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ކުޅުފުއްފުށީ ކައުންސިލުން ވިދާޅުވިއެވެ.
ކުޅުދުއްފުށީގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެރަށުގެ ދެ ސަރަހައްދެއްގައި ވަރަށް ބޮޑަށް ފެން ބޮޑުވެފައިވާއިރު، ބައެއް ސަރަހައްދުތަކުގައި ދެ ފޫޓަށްވުރެ މައްޗަށް ފެން ބޮޑުވެފައިވެއެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ ފެންބޮޑުވުމުގެ ރިޕޯޓް ލިބުމާއެކު އެކަން ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އަންގާފައިވާނެ ކަމަށާއި، ޑިޒާސްޓާ އާއި އެމްއެންޑީއެމް އާއި ފަޔަރ، ފުލުހުންނާއި ކައުންސިލް އަދި ރެޑްކުރެންސެންޓާއި ފަބުލިކް ވޯކްސް ގުޅިގެން ފެންހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެރަށުގައި ފެން ބޮޑުވުމުގެ ސަބަބުން އެއްގަމު ދަތުރުފަތުރަށްވެސް ވަނީ ހުރަސް އެޅިފައެވެ.