ތިން ކިލޯގެ މަސްތުވާތަކެތީގެ މައްސަލަގައި ނުބައިކޮށް ކޯޓު އަމުރު ނެރެފައިވާތީ، އިއްޔެ ކޯޓުން ދޫވި ދެ މީހުން ފުލުހުން އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.
އެ ދެމީހުން އަލުން ހައްޔަރުކޮށްފައިވަނީ ދެމީހުން ދިރިއުޅެމުން ދިޔަ ގެއިން ރޭ ދަންވަރު 3:17 އެހާކަންހާއިރު ކޯޓު އަމުރާއެކު އެވެ. އެދެ މީހުންވެސް ދިރިއުޅެމުން ދިޔައީ ހުޅުމާލޭގަ އެވެ.
ކްރިމިނަލް ކޯޓުން މި ދެ މީހުން ދޫކޮށްފައިވަނީ ޖިނާއީ އިޖްުރާއަތުގެ ގާނޫނުގެ 32ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޝަރުތު ތަކުގެ ތެރެއިން ޝަރުތެއް ކޯޓު އަމުރުގައި ނެތުމުންނެވެ. އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޝަރުތުޔަކުގެ ތެރެއިން 12 ވަނަ ޝަރުތުގައި ބުނެފައިވަނީ އަމިއްލަ ތަނެއް ބަލާ ފާސްކުރުމަށް ނެރޭ ކޯޓު އަމުރުގައި ހުއްދަ ދޭ ފަނޑިޔާރުގެ ނަމާއި ސޮއި، އަދި ކޯޓުގެ ތައްގަނޑު އޮންނަންވާނެ ކަމަށެވެ. ނަމަވެސް އެތަން ބަލަން ފާސްކުރުމަށް ފުލުހުންނަށް ދީފައިވާ ކޯޓު އަމުރުގެ ކޮންމެ ގަނޑެއްގައި އެބައި ހިމެނިފައިނުވާތީ، އެ ޢަމުރަކީ ޞައްޙަ އަމުރެއް ނޫންކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.
ހައްޔަރުކުރި ދެ މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 52 އަހަރުގެ އަންހެނަކާއި އަދި 25 އަހަރުގެ ދިވެހި ފިރެހެނެކެވެ.