ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާގައި ކުރަމުންދިޔަ ގެއަކުން މަސްތުވާތަކެއްޗާއެކު 5 ދިވެހިން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، އިއްޔެ ހަވީރު 16:19 އެހާކަންހާއިރު ހިނގި އޮޕަރޭޝަނެއްގައި މަ ފެޝަންމީޑް ގެއިން މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ، 21 އަހަރުގެ ދެމީހުންނާއި 19 އަހަރުގެ މީހަކާއި 47 އަހަރުގެ މީހާކާއި އަދި 33 އަހަރުގެ މީހެއްކަމަށެވެ.
މި ގެ ބަލާފާސްކުރުމުގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 11 ރަބަރު ޕެކެޓާއި، 04 ސެލޯފިންކޮޅު ފެނިފައިވާކަމަށާއި، މިގައަކީ މަސްތުވާތަކެތި ގަންނަ މީހުންނަށް އެގޭގައި ތިބެގެން މަސްތުވާތަކެތި ބޭނުންކުރެވޭނެގިތަށް ހާއްސަކޮށްފައިވާގެއެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، ފުލުހުންނަށް ނުވަދެވޭ ގޮތަށް މިގޭގައި ދަނގަޑު ދޮރު ހަރުކޮށްފައިހުރިއިރު، ގޭގެ ސެކިއުރިޓީ ބެލެހެއްޓުމަށް ގޭގެ ދޮރުކައިރީ ސެކިއުރިޓީ މީހެއްވެސް ބަހައްޓާ ސެކިއުރިޓީ ބަލަހައްޓަމުން ގެންގޮސްފައިވާކަމަށެވެ. އަދި ގޭގެ ފާރުގައި ފިިލުހުންނަށް ނިސްބަތްކޮށް ހުތުރު ބަހުން ލިޔެފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާގައި ކުރަމުންދާ ފަރާތްތައް ހޯދާ ހުއްޓުވުމަށްޓަކައި މީގެކުރިންވެސް ފުލުހުންވަނީ ޙާއްސަ އޮޕަރޭޝަންތަކެއް ހިންގާފައެވެ. މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 48 މީހަކު 3 ގެއަކުން ހައްޔަރުކޮށްފައިވާއިރު، މި ހުރިހާ ގެއަކީވެސް ފުލުހުންނަށް ނުވަދޭވޭ ގޮތަށް ދަގަނޑު ދޮރު ހަރުކޮށް އިލެކްޓްރޯނިކް ތަޅު ހަރުކޮށްފައިވާ ތަންތަންކަން ފުލުހުން ފާހަގަކުރިއެވެ.

އެގޮތުން މި އޮޕަރޭޝަންގެ ދަށުން މިދިޔަ މަހުގެ 27 ވަނަދުވަހު ފުލުހުން ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާގައި ކުރަމުންދިޔަ ދެ ގެއަކަށް ވަދެ 37 މީހަކު ހައްޔަރުކޮށްފައެވެ. އަދި މިމަހުގެ 3 ވަނަދުވަހު މ.އެވަރެސްޓް ގެއިންވަނީ، 11 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ފާހަގކުރިގޮތުގައި، މި ގެތަކަކީވެސް ފުލުހުންނަށް ނުވަދަވޭގޮތަށް ދަނގަޑު ތޭރި ދޮރުތައް އަދި އިލެކްޓްރޯނިކް ތަޅު ހަރުކޮށް ބަންދުކޮށްފައިވާގެތަކެކެވެ. އަދި މި ކަމުގައި ކަޑަކުދިންނާއި އަންހެނުންވެސް ބޭނުންކުރާކަމަށް ފުލުހުން ވިދާޅުވިއެވެ.