ހޮނިހިރު ދުވަހުގެ ރޭ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވާއިރު މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) ޖަލްސާ ދޫކުރައްވައި ނުކުންނަވާނެ ކަމަށް ވިދާޅުވެއްޖެއެވެ.
ތޯރިގް ވިދާޅުވީ، އިންޑިއާގައި މުސްލިމުންނާއި ދޭތެރޭގައި ހިންގާ ލާއިންސާނީ އަމަލުތަކާއި ދުއްތުރާ ތަކަށް އިހުތިޖާޖު ކުރުމުގެ ގޮތުން ނަރެންދްރަ މޯދީ ސުޕީޗު ދިނުމުގެ ކުރިން ޖަލްސާ ދޫކުރައްވާ ނުކުމެވަޑައި ގަންނަވާނެ ކަމަށެވެ. އަދި މޯދީ، މަޖިލީހުގައި ތަގުރީރު ކުރުމަށް ފެންނަކަމަށް ނެގި ވޯޓުގައިވެސް ބައިވެރިވެފައި ނުވާނެ ކަމަށެވެ.
ޓޮމް މިމޭރުމުން ވާހަކަ ދައްކައިފައި ވާއިރު، މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވާ ވަގުތަކީ މަޣުރިބު ނަމާދާއި އިޝާ ނަމާދާ ދެމެދުގެ ވަގުތަށްވާތީ، ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައިފައިވެސް ވެއެވެ.
މޯދީ ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީ އަކީ އިންޑިއާގެ ހިންދީ ދީނުގެ ރައްޔިތުންގެ ހައްގުތަކަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވާ ޕާޓީއެކެވެ. އަދި މޯދީ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވުމަށްފަހު އިންޑިއާގައި ހިމެނޭ އެހެނިހެން ދީންތަކުގެ މީހުންނަށް ދޭ ހަމަލާތައްވަނީ އިތުރު ވެފައެވެ.
މޯދީ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ، ދެވަނަ ދައުރަކަށް އިންޑިއާގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވުމަށްފަހު މޯދީ ބޭރު ގައުމަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ރައީސް ޔާމިނުގެ ވެރިކަމުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ހީނަރުވެފައި ވީނަމަވެސް އިބުރާހިމް މުހައްމަދު ސޯލިހްގެ މި ވެރިކަމުގައި މިހާރުވަނީ މިގުޅުން ވަރަށް ބޮޑަށް ބަދަހި ކުރައްވައިފައެވެ.




