ކާށިދޫ ފަރަށް ލިބުނު ގެއްލުންތައް ބަލަނީ

މިދިޔަ މަހުގެ 29 ވަނަ ދުވަހު ކާށިދޫ ފަރަށް އެރި ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ތެޔޮ ބޯޓުން އެ ފަރަށް ލިބުނު ގެއްލުންތައް ބެލުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ، އީ.ޕީ.އޭއިން ވިދާޅުވެއްޖެއެވެ. 

މައުލޫމާތު ލިބޭ ގޮތުގައި ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ތެޔޮ ބޯޓު ފަރަށް އެރި ޙާދިސާގައި ކަން ހިނގާދިޔަގޮތުގެ ރިޕޯޓެއް އީ.ޕީ.އޭއަށް ހުށަހެޅުމަށް މިހާރުވަނީ އެކުންފުންޏަށް އަންގާފައެވެ. އަދި އެ ސަރަޙައްދުގެ ފަރަށް ލިބިފައިވާ ގެއްލުންތައް އެސެސްކުރުމުގެ މަސައްކަތް އެ އެޖެންސީގެ ޓީމަކުން މިހާރުދަނީ ކުރަމުންނެވެ.

ތެޔޮ ބޯޓުގެ ވެރިފަރާތާ އެމްއެންޑީއެފް ގުޅިގެން ބޯޓު ފުންކުރުމަށް ކުރެވުނު މަސައްކަތުން ބޯޓު ފުންކުރެވިފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. ފުންކުރުމަށްފަހު އެމްއެންޑީއެފް އިން ބުނެފައިވަނީ، ބާޖަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި ބާޖުން ތެޔޮ ލީކުވެސް ނުވާ ކަމަށެވެ.

އިހުމާލަކުން ނުވަތަ މޫސުން ގޯސްވުމުގެ ސަބަބުންވެސް ހިނގާ މިފަދަ ޙާދިސާތަކުގައި ދިވެހިރާއްޖޭގެ އުޅަނދެއްނަމަ ފުރަތަމަ ފަހަރު ޖޫރިމަނާކުރުމުގެ ބަދަލުގައި އެކަން ތަކުރާރުނުކުރުމަށް އީ.ޕީ.އޭއިން އިންޒާރުދިނުމަށްފަހު ދޫކޮށްލައެވެ. ނަމަވެސް ރާއްޖޭން ބޭރުގެ އުޅަނދެއްނަމަ އިންޒާރުދިނުމަކާ ނުލާވެސް ޖޫރިމަނާކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް