އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ހދ.ކުޅުދުއްފުއްޓާއި އިންޑިއާގެ ކޮޗިންއާ ދެމެދު "ކާރގޯ ޕެސެންޖަރ" ފެރީގެ ޚިދުމަތް ފެށުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށް ރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހާމަކުރައްވައިފިއެވެ.
ދެޤައުމުގެ ދެމެދުގައި ޖުމުލަ 5 ދާއިރާއަކުން 6 އެއްބަސްވުމެއްގައި ސޮއިކުރައްވަން ހަމަޖެހިފައިވާކަމަށް ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ މަޢުލޫމާތު ހާމަކުރެއްވުމަށް ފޮރިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިވަނީ ހާމަކުރައްވާފައެވެ.
ސްޓޭޓް މިނިސްޓަރ ޙަލީލް ވިދާޅުވި ގޮތުގައި ރާއްޖެއާއި އިންޑީއާ ސަރުކާރާ ދެމެދު ފަސް ދާއިރާއަކުން 6 އެއްބަސްވުމެއްގައި ސޮއިކުރުމަށްވަނީ ހަމަޖެހިފައެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ އެއްބަސްވުންތައް
1. ސިއްޙީ ދާއިރާއިން ގުޅުން ބަދަހިކުރުމާބެހޭ އެއްވަސްވުން
2. އިންޑިއާގެ ނެޝަނަސް ސެންޓަރ ފޮރ ގުޑް ގަވަނެންސްއިން, ސިވިލް ސަރވެންޓުންނަށް ޚާއްސަ ކެޕޭސިޓީ ބިލްޑިންގް ޕްރޮގްރާމް ހިންގުމުގެ އެއްބަސްވުން
3. އިންޑިއާއާއި ރާއްޖެއާއި ދެމެދު ވައިޑް ޝިޕިންގް އިތުރުކުރުމުގެ އެއްބަސްވުން
4. އިންޑިއާއާއި ރާއްޖެއާއި ދެމެދު ހައިޑްރޮގްރަފީ އަދި އޯޝަން އިކޮނޮމީގެ ދާއިރާއިން ވެވޭ އެއްބަސްވުން
5. ކަސްޓަމްސް ކެޕޭސިޓީ ބިލްޑިންގް އިތުރު ކުރުމުގެ އެއްބަސްވުން
6. އިންޑިއާ އާއި ރާއްޖެއާއި ދެމެދު "ކާގޯ އެންޑް ޕެސެންޖަރ ފެރީ" ފެށުމުގެ އެއްބަސްވުން
މިއެއްބަސްވުންތަކުގެ ތެރެއިން ޢާންމުންގެ ބޮޑު ސަމާލުކަމެއް ލިބިފައިވާ އެއްބަސްވުމަކަށް ވެފައިވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު "ކާގޯ އެންޑް ޕެސެންޖަރ ފެރީ" ފެށުމުގެ އެއްބަސްވުމެވެ. އެގޮތުން މިފަދަ އެއްބަސްވުމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަން އިންޑިއާއިން މީގެކުރިންވެސް ހާމަކުރައްވާފައިވެއެވެ. ފޮރިން މިނިސްޓްރީއިން ހާމަކުރައްވާގޮތުގައި މި އެއްބަސްވުމުގެ ދަށުން، ފެރީ ދަތުރުކުރުމަށް ހަމެޖެހިފައިވަނީ ހދ.ކުޅުދުއްފުށީ ޕޯޓާއި އިންޑިއާގެ ކޮޗިންއާ ދެމެދުއެވެ.