ދިވެހި ދައުލަތުން މިހާރު ބޭރުގެ ޢިއްޒަތްތެރިންނަށް އަރުވާ އެންމެމަތީ ޝަރަފް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަރުވައިފިއެވެ. މި ޢިއްޒަތް ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އެރުވީ، އެމަނިކުފާނު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ހިމެނިގެން މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ރައީސް އޮފީހުން މައުލޫމާތު ދޭގޮތުގައި، މި ޝަރަފް މޯދީއަށް އަރުވަން ނިންމީ، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށެވެ. އަދި ގައުމުގެ ކުރިއެރުމަށާއި ދިވެހި ރައްޔިތުންގެ އިޖްތިމާއީ އަދި އިގްތިސޯދީ ތަރައްގީއަށް މޯދީ ދެއްވާ ހާއްސަ އަހައްމިއްޔަތާއި އެކި ރޮނގުރޮނގުން ރާއްޖެއަށް ދެމުން އަންނަ ދީލަތި އެހީތެރިކަމުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.
ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް މީގެ ކުރިން ވެސް ބޭރުގެ ބައެއް އިއްޒަތްތެރިންނަށް ވަނީ އަރުވާފަ އެވެ. އެ ގޮތުން އެންމެ ފުރަތަމަ މި ޝަރަފް އެރުވީ މާޗު 15، 1972 ގައި، އިނގިރޭސި ރާނީގެ ފިރިކަލުން ޕްރިންސް ފިލިޕް ނުވަތަ ޑިއުކް އޮފް އެޑިންބަރާ އަށާއި އޭނާގެ ބޮޑުބޭބެ އާލް މައުންޓްބެޓަންއަށެވެ.
މި ޝަރަފް އެންމެ ފަހުން އެރުވީ 2013 ގައި، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި، ފަލަސްތީނުގެ ރައީސް ޑރ. މަހުމޫދު އައްބާހަށެވެ.
މޯދީ ރާއްޖެއަށް ކުރައްވާ ރަސްމީ މި ދަތުރުފުޅުގައި މިރޭ، ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.