ދިވެހިރާއްޖެ ދެމިއޮންނާނީ އަވަށްޓެރި އިންޑިއާގެ ތެދުވެރި އެކުވެރިއެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞޯލިޙް މިހެން ވިދާޅުވީ، އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެން ދެޤައުމުގެ ދެމެދުގައި މާލޭގައި ބޭއްވެވި ރަސްމީ ވާހަކަތަކަށް ފަހުގައި، ދެޤައުމުގެ އިސްވެރިން ދާދި ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ރައީސް ޞޯލިޙް ވަނީ އިންޑިއާގެ ބޮޑުވަޒީރުކަމަށް ނަރެންދުރަ މޯދީ ދެވަނަ ދައުރަކަށް އިންތިޚާބު ވެވަޑައިގެންނެވުމާއި، ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވުމަށް ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ރާއްޖެ ވަޑައިގެންނެވުމުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޚަބާއެއް ދަންނަވާފައެވެ.
ރައީސް ވިދާޅުވީ ބޮޑުވަޒީރުގެ މި ދަތުރުފުޅަކީ ރާއްޖެއާއި އިންޑިއާ އާދެމެދު އޮންނަ ގުޅުން އިތުރަށް އާލާވެ ބަދަހިވެފައިވާކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

"ރާއްޖެ ރަޙްމަތްތެރިއެއްގެ ގޮތުންނާއި، ބައިވެރިއެއްގެ ގޮތުންނާއި ރާއްޖެއާމެދު މަނިކުފާނު އަމިއްލަގޮތުން ބަހައްޓަވާ ގާތްކަމަށްޓަކައި ނުހަނު އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. މަނިކުފާނަށާއި އިންޑިއާގެ ރައްޔިތުންނަށް އަޅުގަނޑު އދެނީ ސުލްހަވެރިކަމާއި ކުރިއެރުމާއި، ތިޔާގިކަން. ދިވެހިރާއްޖެ އަބަދުމެ ދެމިއޮންނާނީ އަޅުގަނޑުމެންގެ ދެޤައުމުގެއާއި ސަރަހައްދުގެ ތަރައްޤީއާއި ސުލްހައަށް މަސައްކަތްކުރާ އިންޑިއާގެ ތެދުވެރި އެކުވެރިއެއްގެ ގޮތުގައި." ރައީސް ޞޯލިޙް ވިދާޅުވިއެވެ.
ރާއްޖޭގެ ތަރައްޤީގެ ލަނޑުދަނޑިތައް ހަޤީޤަތަކަށް ހެދުމަށް އިންޑިއާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކޮށް ރައީސް ވަނީ މޯދީއަށް ޝުކުރުދަންނަވާފައެވެ.
މޯދީ ރާއްޖެ ވަޑައިގެންފައިވާއިރު، އެމަނިކުފާނަށް ވަނީ ދިވެހި ދައުލަތުން މިހާރު ބޭރުގެ ޢިއްޒަތްތެރިންނަށް އަރުވާ އެންމެމަތީ ޝަރަފް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް އަރުވާފައެވެ.