އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ރާއްޖެ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެ ގައުމުން ހަ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ދެ ގައުމުން ސޮއިކުރި އެއްބަސްވުންތަކުގައި އިންޑިއާގެ ފަރާތުން ސޮއިކުރީ ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ސަންޖޭ ސުދިރެވެ. ރާއްޖޭގެ ފަރާތުން ސޮއިކުރީ އެއްބަސްވުން ގާއިމްކުރާ ދާއިރާއާ ގުޅުން ހުރި ދާއިރާތަކުގެ ވެރިންނެވެ.
މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި:-
- ހައިޑްރޯގްރަފީގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުން.
- އިންޑިއާ އާއި ރާއްޖެއާ ދެމެދު ކާގޯ އަދި ޕެސެންޖާ ފެރީގެ ހިދުމަތް ފެށުމުގެ އެއްބަސްވުން
- ކަސްޓަމްސްގެ ދާއިރާއިން އެއްބާރުލުމުގެ އެއްބަސްވުން
- ސިވިލް ސާވަންޓުން ތަމްރީނު ކުރުމުގެ އެއްބަސްވުން
- ރާއްޖެ އާއި އިންޑިއާއާ ދެމެދު އަސްކަރީ ދާއިރާއިން ސޮއިކުރީ ސަރަހައްދުގައި ދަތުރުކުރާ ކޮމާޝަލް އުޅަނދުތަކާ ބެހޭ މަޢލޫމާތު ހިއްސާކުރުމުގެ އެއްބަސްވުން
- ޞިއްޙީ ރޮނގުން އިތުރަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުން
އެއްބަސްވުންތަކަށް ފަހު މޯދީ އާއި ރައީސް ވަނީ މާފިލާފުށީގައި ގާއިމްކޮށްފައިވާ ކޮމްޕޮސިޓް ޓްރޭނިން ސެންޓަރާއި ކޯސްޓަލް ސަވައިލެންސް ރާޑާ ސިސްޓަމް އިފްތިތާހުކޮށް ދެއްވައިފަ އެވެ. އެ ކަންތައް ކުރިއަށް ގެންދެވީ ރިމޯޓް ލިންކަކުންނެވެ.



