ބޮޑު ދިޔައިގައި އުތުރާއި މެދުރާއްޖެތެރެއަށް އުދަ އަރައިފާނެ - މެޓް

ރާއްޖޭގެ މޫސުން ގޯސްވެފައިވާއިރު، އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދަ އެރުމުގެ ފުރުޞަތު އޮތްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން ވިދާޅުވީ، ހުޅަނގުދެކުނާއި ހުޅަނގުން، މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މެލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"އުތުރާއި މެދުތެރޭގެ ސަރަހައްދަށް ވައި ގަދަވުމާއި ގުޅިގެން ރާޅުގެ އުސްމިން 3 ފޫޓާއި 6 ފީޓާ ދެމެދުގައި ހުންނާނެކަމަށް ލަފާކުރެވޭތީވެ، އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރިމަކީވެސް އެކަށީގެންވާ ކަމެއް." މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން ވިދާޅުވީ، މެދުތެރެއާއި އުތުރުގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެ ކަމަށާއި، އެހެންކަމުން އާއްމުކޮށް ހުރިހާ ފަރާތްތަކުން، އަދި ވަކިން ޚާއްޞަކޮށް އުތުރާއި މެދުތެރޭގެ ކަނޑުން ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދަންނަވާ ކަމަށެވެ.

ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަ ވުމާއި، ރާއްޖެއާއި ދުރުން ރާއްޖޭގެ ހުޅަނގުއުތުރުން އަރަބި ކަނޑުގައި ކޮޅިގަނޑެއް އުފެދޭނެކަމަށް ލަފާކުރެވޭތީވެ، ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ރާއްޖޭގެ އުތުރާއި މެދުތެރޭގެ ސަރަހައްދުތަކަށް ވައިފަދަވާނެކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

އުތުރުގެ މޫސުން ގޯސްވެފައިވާއިރު، މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ރ.އަތޮޅަށް ވައިޓް އެލާޓްވެސް ނެރެފައެވެ. މިރޭ 08:00 އިން މެންދަމު 01:00 އަށް ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ އެސަރަހައްދަށް ބޯކޮށް ވާރޭވެހި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ