"ސަބްކާ ސާއްތް. ސަބްކާ ވިކާސް، ސަބްކާ ވިޝްވާސް."

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރުކުރައްވައިފިއެވެ.

މިރޭ 7:00 ގައި ފެށުނު ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާގައި ތަޤުރީރުކުރައްވަމުން މޯދީ ވިދާޅުވީ، "ހުރިހާ އެންމެން ގުޅިގެން. ހުރިހާ އެންމެންގެ ތަރައްގީއަށް. ހުރިހާ އެންމެންގެ އިތުބާރާއެކު." އޭ ބުނާ ފަލްސަފާއަކީ ހަމަ އެކަނި އިންޑިޔާއަށް އޮތް އެއްޗެއް ނޫން ކަމަށެވެ.

"އަޅުގަނޑުގެ ސަރުކާރުގެ އުސޫލީ ފަލްސަފާއަކީ، "ސަބްކާ ސާއްތް. ސަބްކާ ވިކާސް، ސަބްކާ ވިޝްވާސް." (ހުރިހާ އެންމެން ގުޅިގެން. ހުރިހާ އެންމެންގެ ތަރައްގީއަށް. ހުރިހާ އެންމެންގެ އިތުބާރާއެކު.) މި ފަލްސަފާއަކީ ހަމަ އެކަނި އިންޑިޔާއަށް އޮތް އެއްޗެއް ނޫން. މިއީ އަޅުގަނޑުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ވެސް ބިންގާ. ހާއްސަކޮށް އަޅުގަނޑުމެންގެ އަވަށްޓެރީންނާ އެކު ކުރިޔަށް ދިއުމުގައި ކަންކަން ބައްޓަން ކުރާނެ ގޮތަކީ. "އެންމެ ފުރަތަމައަށް އަވަށްޓެރީން." މިއަށް އަޅުގަނޑުމެން އެންމެ އިސްކަންދެނީ،" ބޮޑުވަޒީރުގެ ތަޤުރީރުގައި މޯދީ ވިދާޅުވިއެވެ.

އަދި ދިވެހިރާއްޖޭގެ އާންމު ރައްޔިތުން ޑިމޮކްރަސީއަށް ދީފައި އަހައްމިއްޔަތާއި ރައީސް އިބޫ ފަދަ ލީޑަރުންނަށް ދިވެހި ރައްޔިތުންގެ ހިތްތަކުގައިވާ ލޯބި އެ ދުވަހު ފެނިވަޑައިގެންނެވިކަމަށްވެސް މޯދީވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މޯދީ ވިދާޅުވީ މަޖިލިސް ކުރާ ގެއަކީ ތަފާތު ފިކުރުތަކާއި ޕާޓީތަކުން ގުޅިގެން ޑިމޮކްރަސީއާއި ގައުމީ ތަރައްގީއާއި ސުލްހައަށްޓަކައި އެއް މިސްރާބަކަށް އަމާޒު ސީދާކުރާ ތަންކަމަށާއި މިކަން އެބޭފުޅުން ކުރައްވަނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރީން ދިވެހިރައްޔިތުން ގުޅިގެން މުޅި ދުނިޔެއަށް ދައްކައިދިން ރީތި މިސާލާ އެއް ގޮތް ވާ ގޮތުގެ މަތީންކަމަށެވެ.

ބިދޭސީންނަށް ދޭ މަދަނީ އިއްޒަތުގެ އެންމެ މަތީ ޝަރަފު، ދިވެހިރާއްޖޭގެ ރައީސްގެ އަތްޕުޅުން މީގެ ކުޑަ އިރުކޮޅެއް ކުރީން ލިބިފައިވާކަމަށާއި ކަމަށްޓަކައި ލަފްޒުތަކަކުން ޝުކުރު އަދާ ކުރުން ވަރަށް ދަތިކަމަށް މޯދީ ވިދާޅުވިއެވެ.

ދެ ގައުމުގެ ގުޅުންތައް ހަމަ އެކަނި ބިނާވެގެން ވަނީ ދެ ގައުމުގެ ސަރުކާރުގެ މައްޗަށް އެކަންޏެއް ނޫންކަމަށާއި މި ގުޅުންތަކުގެ ލޭނާރަކީ ދެ ގައުމުގެ މީހުންގެ ދެމެދުގައި އޮންނަ ގުޅުންތައްކަމަށްވެސް މޯދީ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޓެރަރަޒިމަކީ ވަކި ގައުމަކަށް، ވަކި ދީނަކަށް އޮތް ގޮންޖެހުމެއް ނޫންކަމަށާއި ނަމަވެސް އެއީ މުޅި އިންސާނީ ނަސްލަށް ކުރިމަތިވެފައި އޮތް ގޮންޖެހުމެއް މޯދީވަނީ ވިދާޅުވެފައެވެ.

"ގަދީމީ އިންޑިޔާގެ ފަލްސަފާގައި އޮންނަ ގޮތުން ބިމަކީ އަހަރެމެންގެ މަންމަ. އަދި އަހަރެމެން އެންމެންނަކީ އެ ބިމުގެ ދަރީން. މި ބިމަކީ އަހަރެމެންގެ މަންމަ ކަމަށް އަހަރެމެން ބަލާ ނަމަ، އަހަރެމެން އެ ބިމަށް އިހުތިރާމުކޮށް ބިން ހިމާޔަތް ކުރާނެ. އެބިމަށް ގެއްލުމެއް ނުދޭނެ. އަޅުގަނޑުމެން ދަންނަން ޖެހޭ، މި ބިމަކީ އަހަރެމެންގެ އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދޭން ޖެހޭ ތަރިކައެއް ކަން. މިއީ އަޅުގަނޑުމެންގެ އަމިއްލަ މިލްކެއް ނޫންކަން." މޯދީ ވިދާޅުވިއެވެ.

އަދި މިއަދު އިންޑިޔާއަށް ލިބިފައިވާ ބާރާއި، ގާބިލިއްޔަތު ބޭނުން ކުރާނީ ހަމަ އެކަނި އިންޑިޔާގެ ކުރިއެރުމާއި ސަލާމަތީ ކަންކަމަށް އެކަނި ނޫންކަމަށްވެސް މޯދީ ވިދާޅުވިއެވެ.

މިއީ ރާއްޖެއަށް ޒިޔާރައްކުރެއްވި ދެވަނަ ދަތުރުކަމަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވިވެސް ދެވަނަ ފަހަރުކަމަށްވެސް މޯދީ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް