ފައިސާގެ މައްސަލައިގައި އީސީ އަދި ފިނޭންސުން ދައްކާ ވާހަކަ ދިމަލެއް ނުވޭ

ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމުގައި އިލެކްޝަން ކޮމިޝަނުން (އީސީ) އަދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓުރެޜަރީން ދައްކާ ވާހަކަ ދިމާ ނުވާކަން ހާމަވެއްޖެއެވެ.

މިވަގުތު އޮތް އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ، ޕީޕީއެމް އަށް ސިޔާސީ ޕާޓީތަކަށް ދޫކުރަންޖެހޭ ފައިސާ ނުލިބޭ މައްސަލައިގައި ފިނޭންސް މިނިސްޓުރީން މިރޭ ވިދާޅުވެފައިވަނީ، އީސީ އިން ފައިސާ ދޭން އެދުނީ ތިން ޕާޓީއަކަށް ކަމަށެވެ. އެ ތިން ސިޔާސީ ޕާޓީއަކީ އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދި އެމްޑީއޭއެވެ. މި ތިން ޕާޓީއަށް މިއަދު ފައިސާ ޖަމާކޮށްދީފައި ވާނެކަމަށް ފިނޭންސުން ވިދާޅުވެފައި ވެއެވެ.

ފިނޭންސުގެ ވާހަކަތައް މިހެން ހުރި ނަމަވެސް އީސީން ވިދާޅުވެފައިވަނީ، ޕީޕީއެމަށް ނުވަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްދޭން ވެސް ފިނޭންސްގައި އެދިފައިވާނެ ކަމަށެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އީސީގެ މެންބަރު އަކުރަމް ވިދާޅުވެފައިވަނީ، އަހަރީ ރިޕޯޓު ހުށަހަޅާފައިވާ ހަތަރު ޕާޓީއަކަށް ފައިސާ ދޫކޮށްދޭން އެދި ފިނޭންސަށް ފޮނުވާފައިވާ ކަމަށެވެ. އަދި ފިނޭންސަށް ފޮނުވި އިރު، އެއްވެސް ޕާޓީއެއް އިސްތިސްނާކޮށްފައި ނުވާނެ ކަމަށެވެ. ނަމަވެސް ޕީޕީއެމަށް ފައިސާ ޖަމާ ނުކުރާ ވާހަކައަށް ޖަވާބު ދެއްވަމުން އަކުރަމް ވިދާޅުވީ އެކަން ވެފައި އޮތް ގޮތެއް އީސީން ބަލާނެ ކަމަށެވެ.

ހަތަރު ޕާޓީއަށް ދައުލަތުގެ ބަޖެޓުން މި އަހަރު 26.2 މިލިއަން ރުފިޔާ ދޭން އޮތީ ކަނޑައަޅައިފަ އެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ