ކަސްރަތައް ހިނގަން ނުކުމެ އުޅުނު މީހަކު ފްލޮރިޑާގެ ޖަންގަޔެއްގެ ތެރޭގައި ހުރި ބިމުއަޑީގެ ހޮހޮޅައެއްގެ ތެރޭގައި ބަންދުވެފައި އިން ކުއްތާއެއް ސަލާމަތްކޮށްފިއެވެ.
"ޖޯ ޑަން" ނަމަކަށް ކިޔާ މި މީހާ ގޭ ކައިރީގައި ހުންނަ މި ޖަންގައްޔަށް ކަސްރަތަށް ހިނގަން ނުކުމެ އުޅެނިކޮށް ފުރަތަމަ އަޑުއިވުނީ ކުއްތާއެއް ގޮވާއަޑެވެ. އެ އަޑާއި ދިމާލަށް ގޮސް މި ހޮހޮޅައާ ކައިރިވުމުން ޖޯއަށް ފެނުނީ ކުއްތާއެއް މި ހޮހަޅައިގައި ބަންދުވެ ނުނުކުމެވިފައި ހުރިތަނެވެ.
ސަލާމަތްވާނެ އެއްވެސް ގޮތެއްނެތި ބިމުއަޑީގައި ހުރި ހޮހޮޅައިގައި ބަންދުވެފައިހުރި މި ކުއްތާގެ ވީޑިއޯ ފޭސްބުކްގައި ހިއްސާކުރަމުން ޖޯ ބުނެފައިވަނީ، މި މަންޒަރަކީ މިހާތަނަށް ހަޔާތުގައި ފެނުނު އެންމެ ދެރަވި މަންޒަރުކަމަށެވެ.
މީޑިއާއާ މައުލޫމާތު ހިއްސާކުރަމުން ޖޯ ބުނީ، އެވަގުތު ޖޯ އަތުގައި ހުރި ކާއެއްޗެހި މި ކުއްތާއަށް ކާން ދިނިންކަމަށާއި، ޖޯ ވިސްނަމުންދިޔައީ މި ކުއްތާ ސަލާމަތްކުރާނެ ގޮތަކާއި މެދުކަމަށެވެ.

ނަމަވެސް އެވަގުތު ޖޯ އަތުގައި ވާގަނޑެއްވެސް ނެތްއިރު، ފޯނުގެ ރޭންޖުވެސް ވަރަށް ދައްކަމަށް ޖޯ ބުނެފައިވެއެވެ. އެހެންކަމުން ޖޯ ބެލީ ގަހެއްގެ ގޮފިގަނޑެއް ބާލައިގެން ކުއްތާއަށް އޭގެން އެރޭނެގޮތެއް މެދުވެރިވޭތޯއެވެ. ނަމަވެސް ކުއްތާއަށް އެ ގޮފިގަނޑު ނޭރުމުގެ ސަބަބުން އެކަންވެސް ވީ ނާކާމިޔާބެވެ.
އެހިސާބުން ޖޯ ނިއްމީ ޖަންގަލީގެ ބޭރަށް 4 މޭލަށް ހިނގުމަށްފަހު އެހެން ބަޔެއްގެ އެހީ ހޯދައިގެން ކުއްތާ ސަލާމަތްކުރުމަށެވެ.
އެރޭ މި ހުރިހާ ކަމެއް ޖޯ ފޭސްބުކްގައި ހިއްސާކުރުމަށްފަހު އަނެއްދުވަހު އޭނާ މި ހޮހޮޅައަށް އައީ އިތުރު މީހުންނާއެކު ކުއްތާ ސަލާމަތް ކުރެވޭނެ ސާމާނުހިފައިގެންނެވެ.
މި ކުއްތާ ސަލާމަތްކުރުމަށްފަހު މަޤުސަދު ހާސިލުވެއްޖެކަމަށް ބުނެ އިތުރު ވީޑިއޯއެއްވެސް ވަނީ ޖޯ އޭގެފަހުން ފޭސްބުކްގައި ހިއްސާކޮށްފައެވެ.

މި ކުއްތާ ސަލާމަތްކުރެވުނުއިރު، މި ކުއްތާގެ ކަރުގައި ކުއްތާގެ ނަމާއެކު ފޯނު ނަންބަރު ޖަހާފައިވާ ޓެގެއް އެލުވާފައި ހުއްޓެވެ.
މި ކުއްތާގެ ނަމަކީ "ސަލީ" އެވެ. އަދި މި ފޯނު ނަންބަރަށް ގުޅުމުން ކުއްތާ ގެއްލިގެން އުޅޭތާ 3 ހަފްތާވެއްޖެކަމަށް މައުލޫމާތުލިބުނެވެ. މި ކުއްތާ މިހާރު ހުރީ އޭތީގެ ވެރިފަރާތާއިއެކު ސަލާމަތުންނެވެ.