ސޯޝަލް މީޑިއާގައި ރާއްޖެ އިޝްތިހާރު ކޮށްދޭނެ ބަޔަކު ހޯދަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީން) އިން އިއުލާން ކޮށްފި އެވެ.
ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ހަ ގައުމެއްގައި ރާއްޖެ އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރުސީން ހުޅުވާލި އިރުގައި އެ ގައުމުތަކަކީ އެމެރިކާ، ޔޫކްރެއިން، ތައިލެންޑް، އިންޑިއާ، ރަޝިއާ އަދި ޗައިނާ އެވެ.
އެކި ގައުމުތަކުގައި ރާއްޖެ އިޝްތިހާރު ކުރަން މި މަހުގެ 24 އާ ހަމައަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ އެ ކުންފުނިން ރާއްޖެ އިޝްތިހާރު ކުރުމަށް ކުރިއަށްގެންދާ ގްލޯބަލް ކެމްޕެއިނުގެ ދަށުން ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވިއެވެ. ތޮއްޔިބު އިތުރަށް ވިދާޅުވި އިޝްތިހާރު ކުރާނެ ގައުމުތައް ކަނޑައެޅީ ރާއްޖެ އަށް އެންމެ ފައިދާވާނެ ގޮތަށް ބަލައިގެން ކަމަށެވެ.
"މި ފުރުސަތު ހުޅުވާލި ހަ ގައުމަކީ ވެސް ރާއްޖެ އަށް އެންމެ މުހިންމު މާކެޓުތައް. މި ގައުމުތަކުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖެ އިޝްތިހާރު ކުރުމުން ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑަށް ފައިދާވާނެ،" ތޮއްޔިބު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ މި ކެމްޕެއިނުގައި ހަދާ ވީޑިއޯތަކާއި އިޝްތިހާރުތައް ބެލުމަށް ފަހު ކޮންމެ މީހަކު ވެސް ދަތުރެއް ބުކް ކުރުން" ތޮއްޔިބު ވިދާޅުވި އެވެ.
ސޯޝަލް މީޑިއާގެ އިތުރުން ރާއްޖެ އިޝްތިހާރު ކުރަން ކޭމްޕްތަކާއި ފެއާ އަދި ރޯޑް ޝޯ ފަދަ އިވެންޓްތައް ވެސް އެމްއެމްޕީއާރުސީން ބާއްވަ އެވެ.



