މާލޭގައި އިތުރު ސަރުކާރު އިމާރާތްތައް ނާޅާން ނިންމައިފި

ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި މިހާރު ހުރި ސަރުކާރު އިމާރާތްތަކުގެ އިތުރަށް، އެއްވެސް ސަރުކާރު އިމާރާތެއް ނާޅާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ، މާލޭގައި މިހާރު ހުރި ބައެއް ބިންތައް ހުސްކޮށް، ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް އަމާންކަމާއެކީ އުޅެވޭފަދަ ޖަޒީރާ މާޙައުލަކަށް މާލެ ބަދަލުކުރައްވާނެ ކަމަށެވެ.

"މާލޭގައި ހުސް ޖާގަ އިތުރުކުރުމަށް ސަރުކާރުގެ އިތުރު އެއްވެސް ޢިމާރާތެއް ނުހެދުމަށް މި ސަރުކާރުން ވަނީ ނިންމާފައި." 2019 ވަނަ އަހަރަށް ރިޔާސީ ބަޔާން އިއްވަމުން ރައީސް ޞޯލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މާލޭގެ ހަލަބޮލިކަމާއި ދަތިތަކަކީ، އެކަމުގެ އަސަރު މުޅި ރާއްޖެއަށް ކުރާ ކަމެއް ކަމަށާއި، މާލޭގެ ތޮއްޖެހުން ނައްތާލައި، މާލެއަކީ، މާލޭގައި ދިރިއުޅޭ މީހުންނަށާއި، މާލެއަށް ޒިޔާރަތްކުރާ މީހުންނަށްވެސް، ހިތްފަސޭހަ އަމާން މާޙައުލަކަށް ހެދުމަށް، ސަރުކާރުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

"މާލެއަކީ ހިނގާބިނގާވާ މީހުންނަށްވެސް، އަމާން ތަނަކަށް ހެދުމުގެ ގޮތުން، މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރުވަނީ ފަށާފައި. އެކަމަށް ބޭނުންކުރުމަށް ނިންމާފައިވަނީ ތިމާވެށްޓާ ރަޙްމަތްތެރި މިނީ ބަސް." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

ވެރިރަށް މާލެއަކީ ޒަމާނުންސުރެ މުހިންމު ހުރިހާ ޚިދުމަތެއް އެތަނަކަށް ޖަމާކޮށްފައިވާ ދުނިޔޭގެ ނިސްބަތުންވެސް ކާރޫބާރު ބޮޑު ރަށެކެވެ. މާލޭގައި މީހުން ތޮއްޖެހުމުގެ ސަބަބުން ބޮޑެތި މައްސަކަތަކާ ކުރިމަތިވެފައިވާއިރު، ހުޅުމާލެއަކީ މާލޭގެ ތޮއްޖެހުމަށް އޮތް ހައްލެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ