ބޮޑުތިލަދުންމަތީގެ 11 ސަރަހައްދެއް ހިމާޔަތްކުރަން ނިންމަވައިފި

ބޮޑުތިލަދުންމަތިން ފާހަގަ ކުރެވޭ 11 ސަރަޙައްދެއް ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ މިއަދު ނިންމަވައިފިއެވެ.

ޤާނޫނު ނަންބަރު 4/93، (ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު)ގެ ދަށުން ހއ، ހދ، ށ އަދި ނ އަތޮޅު ހިމެނޭ، ބޮޑުތިލަދުންމަތިން ޙިމާޔަތް ކުރެވިފައިވާ ސަރަޙައްދު ތަކުގެ ގޮތުގައި ހަމަޖެއްސެވުމަށް މިއަދު ނިންމެވި 11 ސަރަޙައްދަކީ ހއ. ގައްލަންދޫ ތިލަ، ހއ.ކެލާ ޗަސްބިން، ހއ.ބިލެތްދޫ ތިލަ، ހދ.ފިނޭ ތިލަ، ހދ.އިންނަފުށި، ށ.ބޮލިއްސަފަރު، ށ.ނާލާހުރާ، ނ.ފޮއްދިއްޕަރު، ނ.ބޮޑުޅައިމެންދޫ، ނ.ކެނދިކުޅުދޫ ކަނޑޫފާ، އަދި ނ.އޮރިމަސްތިލަ އެވެ.

މި ސަރަޙައްދުތައް ކަނޑައެޅުއްވުމުގައި ބައްލަވާފައިވަނީ އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީން ބަލަހައްޓަމުންދާ، ތިމާވެށީގެ ގޮތުން ޚާއްޞަ ސިފަތައް ލިބިގެންވާ ސަރަޙައްދުތަކުގެ ލިސްޓާއި، ޒަމާނުއްސުރެ މީހުންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ މަޢުލޫމާތު (ޓްރެޑިޝަނަލް ނޮލެޖް)އާއި މިހާރަށް ލިބެންހުރި ދިރާސާ ރިޕޯޓްތަކާއި މަސްވެރިންނާއި ދަނޑުވެރިންނާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރުންގެ ފަރާތުން ލިބިފައިވާ މަޢުލޫމާތަކަށް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.

މި ސަރަޙައްދުތައް ޙިމާޔަތް ކުރުމަށްޓަކައި އެ ސަރަޙައްދުތައް ހިމެނޭ އަތޮޅު ކައުންސިލްތަކާއި، މިނިސްޓްރީ އޮފް ޓޫރިޒަމް، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއާ ވަނީ މަޝްވަރާކުރައްވައިފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް