ކުޅުދުއްފުށި ހޮނިހިރު ބާޒާރު - ފޮޓޯ: ފެށުން

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފުރަތަމަ ފަހަރަށް ފާހަގަ ކުރަނީ

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރި ކަމުގެ ދުވަސް ފުރަތަމަ ފަހަރަށް މުޅި ދުނިޔޭގައި ފާހަގަ ކުރުމަށް ތައްޔާރު ވެއްޖެއެވެ.

މިގޮތުން ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 7 ވަނަ ދުވަހެވެ.

މި ދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަޤްޞަދަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، އާއްމުން ހޭލުންތެރިކުރުވައި، ކާބޯތަކެތީގެ ޒަރީއާއިން ދިމާވާ އިޤްތިޞާދީ އަދި ޞިއްޙީ މައްސަލަތަކުން ސަލާމަތްވެ ދުޅަހެޔޮ އުފާވެރި މުޖުތަމައެއް ބިނާކުރުމެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާ ގޮތުން، ޖަރާސީމާއި ތަފާތު ކެމިކަލުން ތަޣައްޔަރުވެފައިވާ ކާބޯތަކެތީގެ ނުރައްކާ އަހަރަކު 600 މިލިއަނަށް ވުރެ ގިނަމީހުން ތަހައްމަލުކުރެއެވެ. މީގެތެރެއިން އަހަރަކު ގާތްގަޑަކަށް 420،000 މީހުންގެ ފުރާނަ ގެއްލިގެންދެއެވެ. ކާބޯތަކެތީގެ ޒަރީއާއިން ޖެހޭ ބަލިތަކުގެ ތެރޭގައި އެންމެ އާދައިގެ ބޭރަށް ހިންގުމުން ފެށިގެން ކެންސަރުފަދަ ނުރައްކާތެރި ބަލިތައް ހިމެނޭއިރު، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެކަށީގެންވާ ފިޔަވަޅު އެޅިއްޖެނަމަ އެފަދަ ބަލިން ރައްކާތެރިވެ އޭގެ ސަބަބުން ގެއްލިގެންދާ ފުރާނައިގެ އަދަދު އިންތިހާއަށް މަދުކުރެވޭނެއެވެ. އަދި މިއީ އާއްމު ޞިއްޙަތަށް ހުރި ގޮންޖެހުމެއްގެ އިތުރުން އިޤްތިޞާދަށްވެސް އޮތް ބޮޑު ގޮންޖެހުމެއްކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ.

މި އަހަރުގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ކާބޯތަކެތީގެ ރައްކާތެރިކަން، އެންމެންގެ ކަމެއް" މި ސުރުޚީއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް