ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބް ރައީސްކަމުން އިސްމާއިލް ސޮފްވާން އިސްތިއުފާދެއްވައިފިއެވެ.
ބްރޯޑްކޮމްގެ ނައިބް ރައީސްކަމުން ސޮފްވާން އިސްތިއުފާ ދީފައި މިވަނީ އެމަނިކުފާނު ވަޒީފާގެ މަސްއޫލިއްޔަތު އަދާނުކުރައްވާ މުސާރަ ނަންގަވާތާ ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެއްޖެ ކަމުގެ އަޑުތަކެއް އިއްޔެ މީޑިއާ އަށް ތިލަވެފައި ވަނިކޮށެވެ.
ބްރޮޑްކާސްޓިން ކޮމިޝަންގެ އިސް ބޭފުޅަކާއި ހަވާލާދީ ރާއްޖެއެމްވީގައި ބުނެފައިވަނީ، ނިމުނު ރިޔާސީ އިންތިހާބު ނަތީޖާ އަށް ފަހު، ސޮފްވާން ވަޒީފާއަށް ނުނިކުންނަވާ ކަމަށެވެ. އަދި އޭގެ ފަހުން ސޮފްވާން ވަޒީފާއަށް ނިކުންނެވީ ދެތިން ދުވަހު ކަމަށެވެ. ނަމަވެސް މި މުއްދަތު ތަކުގައިވެސް މުސާރަ ނަންގަވައިފައި ވާކަމަށެވެ.
މައުލޫމާތު ލިބޭގޮތުގައި ސޮފްވާން ބްރޯޑްކޮމްގެ ނައިބު ރައީސް ކަމުން އިސްތިއުފާދިން ނަމަވެސް އެ ކޮމިޝަންގެ މެންބަރު ކަމުން އިސްތިއުފާ ދީފައެއް ނުވެއެވެ.



