ޑައުންސިންޑްރޯމް ހުންނަ އަންހެންކުއްޖަކު މޮޑެލް ކުރުމުގައި

ކެލިފޯނިއާއަށް އުފަން 25 އަހަރުގެ "ޗެލްސީ ވާރނާ"އަކީ ޑައުންސިންޑްރޯމް އާއިއެކީ އުފަންވެފައިވާ އަންހެންކުއްޖެކެވެ. ނަމަވެސް ޗެލްސީ އަކީ މިއަދު ފެޝަންގެ ދާއިރާއިން ވިދަމުން އަންނަ މޮޑެލްއެކެވެ.

2 ފަހަރަށް ޖިމްނާސްޓިކްއިން ދުނިޔޭގެ ޗެމްޕިއަންކަން ދިފާއުކޮށްފައިވާ، ޗެލްސީއަކީ އުފެދުމުގައި ޑައުންސިންޑްރޯމް ހުންނަ އެހެން ކުދިންނަށް ނަމޫނާއެކެވެ.

އުމުރުން 4 އަހަރުން ފެށިގެން، ޗެލްސީގެ މައިންބަފައިންވަނީ، ހަށިގަނޑުގެ ކަށިތައް ވަރުގަދަކުރުމަށްޓަކައި ޗެލްސީ ޖިމްނާސްޓިކްގައި ބައިވެރިކޮށްފައެވެ.

އަދި ދެ ފަހަރަށް ޖިމްނާސްޓިކްއިން ވޯލްޑް ޗެމްޕިއަންކަން ދިފާއުކުރުމުގެ އިތުރުން ޗެލްސީ ވަނީ ސްޕެޝިއަލް އޮލިމްޕިކްގައި ޖިމްނާސްޓިކް އިން އެމެރިކާގެ ގައުމީ ޗެމްޕިއަންކަންވެސް 4 ފަހަރަށް ހޯދައިފައެވެ.

ޗެލްސީދެކޭގޮތުގައި، ދުނިޔޭގެ ގިނަ ހިސާބުތަކުގައި ޑައުންސިންޑްރޯމް ހުންނަ ކުދިން ފެޝަންގެ ދާއިރާއިންވަނީ ބާކީކުރެވިފައެވެ.

2017 ވަނަ އަހަރު ދުނިޔޭގެ ފޭޝަން އޭޖެންސީއެއްކަމުގައިވާ "ވީ ސްޕީކް" އިން ޗެލްސީއަށް މޮޑެލްގެ ކުރުމުގެ ފުރުސަތު ހޯދައިދީފައިވާއިރު، އޭގެ ކުރިން ޗެލްސީގެ މައިންބަފައިންވަނީ، މޮޑެލް ކުރާ އެހެން އޭޖެންސީތަކުން ޗެލްސީ އަށް ފުރުސަތު ހޯދައިދޭން މަސައްކަތްކޮށް ނާކާމިޔާބުވެފައެވެ.

2017 ވަނަ އަހަރުން ފެށިގެން ޗެލްސީ ވަނީ ނިއު ޔޯކްގެ ފޭޝަން ވީކްތަކުގައި ބައިވެރިވެ، ބޮޑެތި ފެޝަން ބްރޭންޑްތަކުގެ ކެމްޕެއިންތަކުގައި ދުނިޔޭގެ އެކި ހިސާބުތަކަށް ދަތުރުކޮށްފައެވެ. އަދި ޗެލްސީ ވަނީ މަޝްހޫރު ފެޝަން މެގެޒިންއެއްކަމުގައިވާ "ޓީން ވޮގު" ގެ ކަވަރ އަށްވެސް އަރާފައެވެ.

ޗެލްސީގެ މޮޑެލިން ކެރިއަރ އާއި ބެހޭގޮތުން އޭނާ ބުނީ، ދުނިޔޭގެ އެކި ހިސާބުތަކުގައި އުފަންވުމުގައި ޑައުންސިންޑްރޯމް ހުރި ކުދިންނަށް މި ކަމުގެ ސަބަބުން ކުރަންބޭނުންވާކަމެއް ކުރުމަށް ހިތްވަރު ލިބިގެންދާނެކަމަށް ހީކުރާކަމަށެވެ. އަދި ކޮންމެ ގޮތަކަށް އުފަންވިކަމުގައިވިޔަސް، އެކުދިންނަށް އެކުދިންގެ ހުވަފެންތައް ހާސިލުކުރުމަށް ފުރުސަތު ދެވެންޖެހޭނެކަމަށް ޗެލްސީ ދެކެއެވެ.

މުޖުތަމައުގައި މިފަދަ ކުދިން ބާކީކުރެވިފައިވާއިރު، ޗެލްސީ މިވަނީ މުޅި ދުނިޔެއަށް ރަން ނަމޫނާ ދައްކާފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް