މި ފެށުނު ބަރަކާތްތެރި ރަމަޟާން މަހު މާލޭގެ ލޮނުޒިޔާރަތް ޕާކްއާއި ސަލްޓަން ޕާކް ހުޅުވިފައި ހުންނާނެ ގަޑިތައް މާލެ ސިޓީ ކައުންސިލުން ކަނޑައަޅައި އާންމު ކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން ރޭ ދަންވަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރަމަޟާންމަހު ލޮނުޒިޔާރަތް ޕާކް އަދި ސަލްޓަން ޕާކް ހުޅުވިފައި ހުންނާނީ ހަވީރު 4:00 އިން ފެށިގެން 5:45 އާއި ހަމައަށާއި، ރޭގަނޑު 9:00 އިން 11:00 އަށް ކަމަށެވެ.
ރަމަޟާންމަހުގެ ހަވީރުގެ ވަގުތަކީ އާންމުކޮށްވެސް މާލޭގެ ހަލަބޮލި މަގުތަށް ފުރާލާ ވަގުތެކެވެ. އެއީ ބަދިގެ ތެރޭގެ މަސައްކަތްތަކާއި ވަޒީފާ އަދާކޮށް ނިންމައި ގެއަށްއައިސް ގިނަ ބަޔަކު އައިލާއާއި އެކު ވަގުތު ހޭދަކޮށްލުމަށް ފިނިބުރު ޖެހުމަށާއި އައިލީ ގުޅުންތައް ވަރުގަދަ ކުރުމަށް ބޭރުތެރެއަށް އާއިލާ އެއްކޮށް ނިކުމެލާ ވަގުތެކެވެ.
އެހެން ކަމުން މާލޭގެ ޕާކް ތަކަށާއި، ހިތް އުފާ ކޮށްލުމަށް ހަދާފައިވާ އެކިއެކި މައިޒާންތަކަށް ރަމަޟާން މަހުގެ ހަވީރުގެ ވަގުތަކީ އާދަޔާ ޚިލާފަށް ބާރު ބޮޑުވެގެންދާ ވަގުތެކެވެ.
ރޯދަމަހު ލޮނުޒިޔާރަތް ޕާކް އަދި ސަލްޓަން ޕާކް ހުޅުވިފައި ހުންނަ ގަޑިތައް :-
???? ހަވީރު 4:00 - 5:45 އަށް
???? ރޭގަނޑު 9:00 - 11:00 އަށް— Male' City Council (@MaleCitymv) April 12, 2021
މީގެ އިތުރުން ރަމާޟާންމަހުގެ ހަވީރުގެ ވަގުތާއި ދިމާކޮށް ވިޔަފާރި މުދާ އުފުލާ އުޅަނދު ފަހަރު ދުއްވުއްވެސް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިން ވަނީ މަނާކޮށްފައެވެ.
އެއޮތޯރިޓީން ވަނީ 1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ 7 ގެ ނިޔަލަށް މާލޭގައި ވިޔަފާރި އުޞޫލުން އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލުމަށް ހަމަޖެހިފައިވާ ގަޑިތައް ކަނޑައަޅާ އެކަން އާންމު ކޮށްފައެވެ.



