ފ.ފީއަލިން ޑެންގޫ ހުމަށް ޕޮޒިޓިވްވި ހަ ކުދިން މާލެ ގެނެސް ދާދި ދެންމެއަކު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.
އެމްއެންޑީއެފްގެ ތަރުޖަމާނު ވިދާޅުވީ، މިރޭ 21:40 ގައި އެމްއެންޑީއެފް ކޯސްޓްގާޑް ސީއެންބިއުލަންސްގައި ފީއަލިން ހަ ކުދިން މާލެ ގެނެސް އައިޖީއެމްއެޗަށް ގެންގޮސްފައިވާކަމަށެވެ.
ފ. ފީއަލީ ހެލްތު ސެންޓަރުގައި ފަރުވާދެމުންދިޔަ ހަ ކުއްޖަކަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފައި މިވަނީ ފީއަލީގައި ޑެންގޫ ފެތުރުން އާމުވެ އެއްކުއްޖެއްގެ ހާލަތު ސީރިއަސްވެފައި ވަނިކޮށެވެ.
ފީއަލީގެ ޞިއްޙީ ހާލަތު ގޯސްވެ ޑެންގޫ ހުމުގެ އިތުރުން ބޭރަށް ހިންގުންވެސް މިހާރު ފެތުރެމުން އެބަދެއެވެ. މިހާލަތަށް އެރަށް ގޮސްފައިވާއިރު އަތޮޅު ހޮސްޕިޓަލުގެ ޓީމަކުން މިފަހުން އެރަށަށް ގޮސް ބަލިމީހުންނަށް ފަރުވާ ދީފައިވެއެވެ.