ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ޕާކިސްތާނުގެ 40 މިލިއަން ކުޑަކުދިންނަށް ޕޯލިއޯ ވެކްސިން ނުދެވޭކަމަށް އ.ދ ގެ ކުޑަކުދިންނަށް ހާއްސަ ޖަމުއިއްޔާ ޔުނިސެފުން ބުނެފިއެވެ.
2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ނެރެމުން ޔުނިސެފުން ބުނީ، ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ޕޯލިއޯ ވެކްސިން ކެމްޕެއިންތައް ސަސްޕެންޑް ކުރުމާއި ގުޅިގެން މިދިޔައަހަރުގެ އޭޕްރީލްމަހުން ޖޫންމަހުގެ ނިޔަލަށް ޕާކިސްތާނުގެ 40 މިލިއަނެއްހާ ކުޑަކުދިންނަށް އެ ވެކްސިން ނުދެވިވާ ކަމަށެވެ.
މިދިޔައަހަރު ވައިލްޑް ޕޯލިއޯ ވައިރަހުގެ 83 ކޭސް ޕާކިސްތާނުންވަނީ ރިޕޯޓްކޮށްފައެވެ. 2019 ވަނަ އަހަރު މިއަދަދު އުޅެނީ 147 ގައެވެ. ނަމަވެސް ވެކްސިން ޖެހުމުގެ ސަބަބުން ބާރުދެރަވެފައިވާ ޕޯލިއޯ ވައިރަހުގެ ސްޓްރެއިން ފެނުނު އަދަދު މިދިޔައަހަރުވަނީ އިތުރު ވެފައެވެ. މިގޮތުން މިދިޔައަހަރު މިއަދަދު ހުރީ 121 ގައެވެ. 2019 ވަނަ އަހަރު މިއަދަދު ހުރީ 22 ގައެވެ.
ޕާކިސްތާނުގެ ގިނަ ސަރަހައްދުތަކެއްގައި ޕޯލިއޯ ވައިރަހާއި ދެކޮޅަށް ދެވޭ ވެކްސިން ތުއްތު ކުދިންނަށް ދިނުމާއިމެދު އެކުދިންގެ ބެލެނިވެރިން ދެކޮޅު ހަދާކަން ޔުނިސެފްގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާއިރު މި ސަރަހައްދުތަކަކީ ގިނަ އަސާސީ ހިދުމަތްތައްވެސް ލިބުން ދަތި ސަރަހައްދުތައްކަން ފާހަގަ ކޮށްފައި ވެއެވެ.
ޔުނިސެފުން 2020 ވަނަ އަހަރު ޕާކިސްތާނުގެ ހައިރިސްކް 40 ސަރަހައްދެއްގައި 80 ހެލްތް ކޭމްޕް ގާއިމުކޮށް ހިދުމަތް ދީފައި ވެއެވެ.




