މަތިވެރިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި ދެކޮޅަަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އއ. މަތިވެރީގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މަތިވެރީގައި މީހަކު މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޖޫން 16 ވަނަ ދުވަހު 23:17 ހާއިރު ހިންގި މިއޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ފިރިހެނެއް ކަމަށެވެ.

"މަތިވެރި ބަނދަރު ސަރަޙައްދުން މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރަމުން ދަނިކޮށް، އޭނާ ލައިގެން ހުރި ޖީންސުގެ ޖީބުން އެއްޗެއް ނަގައި ބިންމައްޗަށް ވައްޓާލިތަން ފެނުމުން ފުލުހުން އެނަގައި، ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ކަރުދާސްކޮޅު ފެނިފައިވޭ." ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ އއ. މަތިވެރި ޕޮލިސް ސްޓޭޝަނުން އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް