ޖަޒީރާ ރާއްޖެ ތަރައްޤީ ކުރަން ދިވެހިންގެ އަމިއްލަވަންތަކަން ބޭނުންވޭ - ޔުމްނާ

ޖަޒީރާވަންތަކަންމަތީ ދިވެހިރާއްޖެ ތަރައްޤީ ކުރެވޭނީ ދިވެހިންގެ އަމިއްލަވަންތަކަމާއި، ބަހާއި ސަގާފަތާއި ތަރިކަ ދަމަހައްޓައިގެންކަމަށް މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

"ދިވެހިރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް މިއީ ދިގު ތާރީޚެއް އޮތް، އަމިއްލަވަންތަ ދިރިއުޅުމުގެ އާދަތަކެއް އޮތް ޤައުމެއް. ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި މި ސިފަތައް ދަމަހައްޓަން ޖެހޭ." މިހާރު ކުރިއަށްދާ މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.

އެގޮތުން ހިރިގަލުން ބިނާކޮށްފައިވާ މިސްކިތްތައް ދިވެހިރާއްޖެ ފިޔަވައި ދުނިޔޭގެ އެހެން އެއްވެސް ތަނެއްގައި ނެތްއިރު، އެއީ ދިވެހިންގެ އަމިއްލަވަންތަކަމުގެ އެއް މިސާލުގެ ގޮތުގައި އެކަމަނާ ވަނީ ސިފަކުރައްވާފައެވެ. އަދި އެއީ ދިވެހިންގެ އިސްލާމީ ތާރީޚާއި ހުނަރުވެރިކަމުގެ ރަމްޒެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރ ޔުމްނާ ވަނީ ދިވެހިރާއްޖޭގެ އެކި ހިސާބުތަކަށް ޚާއްސަ ފަންނުތައް ދެނެގަނެ އެ ފަންނުތަކާއި، ސަގާފަތާއި އާދަކާދައިގެ ތެރޭގައި ހުރި ކަންކަން ކުރިއެރުވުމުގެ މުހިއްމުކަމަށްވެސް އަލިއަޅުއްވާލައްވާފައެވެ.

މޯލްޑިިވްސް ޕާރޓްނަރޝިޕް ފޯރަމް 2019 - ފޮޓޯ: ރައީސް އޮފީސް

އެގޮތުން ފަންނުވެރިކަމާއި، ސަގާފަތާއި ތަރިކައިގެ ދާއިރާއަށް ކުރިން ނުދޭފަދަ އަހައްމިއްޔަތުކަމެއް ދީގެން މިއަދު މަސައްކަތް ކުރަމުންދާއިރު، އެ ދައިރާތަކަކީ އެކި ގޮތްގޮތުން އެ ދާއިރާތަކާއި އެތައް ވަޒީފާއެއް ގުޅިފައިވާ ދާއިރާތަކެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަދި ދިވެހިރާއްޖޭގެ ކޮންމެ އަތޮޅަކަށް، އަދި ރަށަކަށްވެސް ޚާއްސަ ކަންތައްތަކާއި ތަރިކަ ހުރިއިރު، މިއީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން ކުރިއެރުވިދާނެ ކަންކަން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މޯލްޑިިވްސް ޕާރޓްނަރޝިޕް ފޯރަމް 2019 - ފޮޓޯ: ރައީސް އޮފީސް

މިދާއިރާތައް ކުރިއެރުވުމަކީ ދިވެހިންގެ ތެރޭގައި ތިބި ފަންނުވެރިންނަށް އެތައް ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމެއް ކަމަށާއި، އެއީ ގޭގައި ތިބެގެން މަސައްކަތްކޮށް، އާމްދަނީ ހޯދުމުގެ ފުރުޞަތު އެތައް ބަޔަކަށް ފަހިވެގެންދާނެ ކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ހުނަރުވެރި ފަންނުވެރިން ތިބިކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ، ޚާއްސަކޮށް ވިޜުއަލް އާޓްސް އާއި ޕަރފޯމިންގ އާޓްސްގެ ދާއިރާއިން ހުނަރު ކުރިއެރުވުމަށް ފުރުޞަތުތައް ހޯދައިދެއްވުމަށް ފޯރަމްގެ ބައިވެރިންގެ އަރިހުން އެދިވަޑައިގެންފައެވެ

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް