ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް "ވިޔަފާރި ދިރުން" ނަމުގައި ލޯނެއް!

ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ވިޔަފާރިތަކަށާއި ގޭބިސީތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން އިއުލާނުކޮށްފައިވާ އިކޮނިމިކް ރިލީފް ޕެކޭޖުގެ ދަށުން އެސް.ޑީ.އެފްސީ މެދުވެރިކޮށް އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން "ވިޔަފާރި ދިރުން" ލޯނުގެ ނަމުގައި އެސްޑީއެފްސީއިން ލޯނެއް ތައާރަފްކޮށްފިއެވެ.

އެސްޑީއެފްސީއިން ބުނީ، " ކޯވިޑް-19 ސަސްޓެއިނަބަލް ސްޓިމިއުލަސް ލޯނު"ގެ ދަށުން ތައާރަފްކޮށްފައިވާ މި ލޯނަކީ ދިވެހި ސަރުކާރާއި އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ގުޅިގެން ކޯވިޑް-19 ގެ ސަބަބުން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީގޮތުން ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރިތައް ކުރިއެރުވުމަށް ތައާރަފްކޮށްފައިވާ ލޯނެއްކަމަށެވެ.

އެކޯޕަރޭޝަނުން ބުނީ، މިލޯނު ހުޅުވާލާފައިވަނީ އެކި ވިޔަފާރިތަކަށް ބައިބަޔަށް، ކޮންމެ ބާވަތެއްގެ ވިޔަފާރިއަކަށްވެސް ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ދޭ އުސޫލުންކަމަށާއި، އެގޮތުން ފުރަތަމަ އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، މިހާރު ހިނގަމުންދާ ކެފޭ ރެސްޓޯރެންޓް،މް، ސެލޫން އަދި ގެސްޓްހައުސް ވިޔަފާރި ހިންގާ ފަރާތްތަކަށްކަމަށެވެ.

މި ލޯނު މެދުވެރިކޮށް މައިގަނޑު 3 ޕެކޭޖެއްގެ ދަށުން ލޯނުދޫކުރުމަށް ހަމަޖެހިފައިވާއިރު، ވިޔަފާރި ދިރުން ޕެކޭޖް 1 ގެ ދަށުން ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާއިރު، ޕެކޭޖް 2 ކަނޑުއަޅާފައިވަނީ މިހާރު ހިނގަމުންދާ ޕްރޮޖެކްޓް ތައް ނިންމުމަށް ފައިސާގެ އެހީ ފޯރުކޮށްދިނުންކަމަށާއި، އަދި ޕެކޭޖް 3 ގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ޑައިވެރސިފައިކުރުމާއި ލޯނު ނުހިމެނޭ ގޮތަށް ވިޔަފާރި އާއި ގުޅޭ ފަންނީ ލަފާ ދިނުމަށް ހަމަޖެހިފައިވާކަމަށް އެސްޑީއެފްސީއިން ބުނެއެވެ.

"ގިނަވެގެން 8 އަހަރުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް %6 ގެ އިންޓަރެސްޓް ރޭޓުގައި މިލޯނުތައް ދޫކުރަން ކަޑައެޅިފައިވާއިރު މި ލޯނުގެ ގްރޭސްޕީރިއަޑަކީ 2-1 އަހަރުގެ މުއްދަތެކެވެ."

އަލަށް ތައާރަފް ކުރެވޭ މިލޯނަށް އެދި ހުށައެޅުމުގެ ފުރުސަތު 1 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުންފެށިގެން ހުޅުވާލެވިފައިވާއިރު، އެސްޑީއެފްސީގެ ވެބްސައިޓުގައިވާ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ލޯނަށް އެދި ހުށަހެޅޭނެއެވެ. އަދި މި ލޯނާއި ބެހޭ އިތުރު ތަފްސީލު އެކޯޕަރޭޝަނުގެ ވެބްސައިޓް www.sdfc.mv މެދުވެރިކޮށް ލިބިގެންދާނެއެވެ.

މީގެއިތުރުން އެކޯޕަރޭޝަނުގެ ހޮޓްލައިން 1613 އިން ނުވަތަ ވެބްސައިޓް ގައިވާ ލައިވް ޗެޓް މެދުވެރިކޮށް މިލޯނާއި ބެހޭ އިތުރު މަޢުލޫމާތު ސާފުކުރެވޭނެކަމަށްވެސް އެސްޑީއެފްސީއިންވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ