މިސްރުގެ ކުރީގެ ރައީސް ކޯޓު ތެރޭގައި އަވަހާރަވެއްޖެ

މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރުސީ ކޯޓު ތެރޭގައި އަވަހާރަވެއްޖެއެވެ.

މުރުސީއަކީ މިސްރުގެ 30 އަހަރު ވަންދެން ހުދުމުހުތާރް ވެރިކަމެއް ކުރި ހުސްނީ މުބާރަކް އާއި ދެކޮޅަށް ރައްޔިތުން ކުރި މުޒާހަރާ އަށް ފަހު ވެރިކަން ވައްޓާލުމުން، 2011 ވަނަ އަހަރު ބޭއްވި މިނިވަން އިންތިހާބު ކާމިޔާބު ކުރެއްވި ފުރަތަމަ ބޭފުޅާއެވެ.

މުރުސީގެ ވެރިކަން އެ ގައުމުގެ އަސްކަރިއްޔާއިން 2013 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވައްޓާލައި، އޭނާ ހައްޔަރު ކުރުމަށްފަހު އޭނާ އާދެކޮޅަށް އެތައް ދައުވާތަކެއް އުފުލާ މަރުގެ ހުކުމެއްވެސް އިއްވާފައިވާއިރު، މިސްރުގެ ގައުމީ ޓީވީން ބުނީ، މުރުސީ އަވަހާރަވީ ކޯޓުގެ އަޑު އަޑުއެހުމެއްގައި ހޭފުޅުނެތި ވެއްޓިވަޑައިގެންނެވިތާ އިރުކޮޅެއްގެ ތެރޭގައި ކަމަށެވެ.

މުރުސީ އަކީ އިސްރާއީލް އާއި ދެކޮޅަށް ފާޅުގައި ބަސް ވިދާޅުވާ ވަރުގަދަ އިސްލާމީ ލީޑަރެކެވެ. އެގޮތުން މިސްރުގެ ރައީސް ކަމަށް މުރުސީ އިންތިހާބުވެ ވަޑައިގެންނެވުމާއެކު ހުސްނީ މުބާރަކުގެ ހުދުމުހްތާރު ސަރުކާރުން ޢައްޒާގެ ރައްޔިތުންނާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އޭނާ ވަނީ އުވާލެއްވިއެވެ.

އެމެރިކާ އަދި އިސްރާއީލުގެ ދުޝްމަނަކަށް މުރުސީ ވެވަޑައިގަތް ނަމަވެސް ފަސްޖެހުމެއްނެތި ވެރިކަން ކުރައްވަމުން ގެންދެވަނިކޮށް އެ ގައުމުގެ އަސްކަރިއްޔާއިން މުރުސީ އާއި ދެކޮޅުވީ އަސްކަރިއްޔާގެ ނުފުޒު އޮންނަ އެ ގައުމުގެ ޝަރުއީ ނިޒާމް އިސްލާހް ކުރަން ފިޔަވަޅު އަޅުއްވަން ފެއްޓެއްވުމުންނެވެ.

އެޤައުމުގެ އަސްކަރިއްޔާއިން ބަޣާވާތްކޮށް ވެރިކަން ވައްޓާލުމުގެ އަޑީގައި އޮތީ އެމެރިކާ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް