މޫސުން ގޯސްވެ ބޮޑު ބަޔަކަށް އެލާޓް ނެރެފި

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ، މ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ސަރަހައްދަށެވެ.

އެ ސަރަހައްދަށް ނެރުވު ވައިޓް އެލާޓްގައި މެޓް އޮފީހުން ވިދާޅުވެފައިވަނީ، މިއަދު ހެނދުނު 11:00 އާއި ހަވީރު 05:00 އާ ދެމެދުގެ ވަގުތުތަކުގައި އެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ  އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި، ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުންވެސް އެކަށީގެން ވާ ކަމަށެވެ.

"އިރުދެކުނާއި ދެކުނުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަަދަވުން އެކަށީގެން ވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.

އިތުރަށް މެޓް އޮފީހުން ވިދާޅުވީ، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް