ލާމަރުކަޒީގޮތުން ރާއްޖެ ހިންގުމަށްޓަކައި ޤާއިމުކޮށްފައިވާ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ޤައުމީ މަހާސިންތާ މިމަހުގެ 10 ވާ އާދީއްތަ ދުވަހު ފަށާނެކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީން ވިދާޅުވީ، "ސިޓީ އަދި އަތޮޅު ކައުންސިލްތަކުގެ ޤައުމީ މަހާސިންތާ" ގެ ނަމުގައި ބާއްވާ މި މަހާސިންތާގައި ބައިވެރި ވެވަޑައިގަންނަވާނީ، ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި، އަތޮޅު ކައުންސިލްތަކުގެ ރައީސުން ކަމަށެވެ.
ކޮންމެ އަހަރަކުވެސް އެއް ދުވަހުގެ މުއްދަތަށް ބާއްވާ މި މަހާސިންތާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގައި ހޮޓެލް ޖެންގައި ކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވިއެވެ.
މި މަހާސިންތާގައި، ކައުންސިލްތަކުން ދެމުންގެންދާ ރަށްވެހިކަމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަޝްވަރާކޮށް ހައްލު ހޯދުމަށް ހަމަޖެހިފައިވާއިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށްވެސް ހަމެޖެހިފައިވާކަމަށް އެލްޖީއޭއީއިން ވިދާޅުވިއެވެ.
މާދާމަ ހެނދުނު މި މަހާސިންތާ، ރައީސް ޞޯލިޙް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ހަމަޖެހިފައިވާއިރު، އަރިހުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ޝަފީޤް މަޙްމޫދު އަދި ޔޫއެންޑީޕީގެ އެސިސްޓަންޓް ރެސިޑެންޓް ރެޕްރެޒެންޓޭޓިވް އާއިޝަތު ރިޒްނާވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
މީގެ ކުރިން ހިފަހައްޓާފައިވާ ސިޓީ އަދި އަތޮޅު ކައުންސިލްތަކުގެ ގިނަ ބާރުތަކެއް އައު ސަރުކާރުން އެ ކައުންސިލްތަކަށް ދޫކޮށްލާފައިވާކަން ފާހަގަކޮށްލެވެއެވެ.