ފާހާނާ ތަށިމަތީގައި ހުރެގެން ފޯނާ ކުޅޭ ކުދިންތައް ކޮބާތަ؟

މޯބައިލް ފޯނާއި ނުލާ ކުޑަވަގުތުކޮޅެއްވެސް ހޭދަކޮށްލުން މިހާރު މިވަނީ އުނދަގޫކަމަކަށް ވެފައެވެ. ނިދަން އޮށޯންނައިރު އަދި ނިދިން ހޭލެވުމާއެކުވެސް އެންމެ ފުރަތަމަ އަތަށް ލެވޭނީ ފޯނެވެ.

ހަށިގަނޑުގެ ގުނަވަނެއް ވަކިކޮށްލެވިފައިވާފަދަ އިހްސާސްއެއް އަތުގައި ފޯނު ނޯންނަ ވަގުތުތަކުގައި ކުރެވޭއިރު، ފާހަނާ ތަށިމަތީގައި އިށީންނުމަށްފަހު އެ ހޭދަވާ ވަގުތުތައް ފަޅުފިލުވާލަދޭ އެއްޗަކަށްވެސް ފޯނު މިއަދު މިވަނީ ވެފައެވެ.

މިއީ ހަމަގައިމުވެސް މިއަދުގެ ގިނަ ޒުވާނުން އެއްބަސްވާނެ ހަޤީގަތެކެވެ. ފޯނު ހިފައިގެންނޫނީ، ފާހަނައަށް ހަމަ ވަންނަ ހިތްވެސް ނުވަނީއެވެ. ކިތަންމެ ކުޑަ ވަގުތުކޮޅަކަށް ފާހަނައަށް ވަންނަ ކަމުގައިވިޔަސް ފޯނު އަތުގައި ކޮންމެހެންވެސް އޮންނަން ޖެހެއެވެ. އެހެންނޫނީ، ފާހަނައަށް ވަދުމަށް ފަހު ފާހަނަ ތަށިމަތީ ނިދޭ ފަހަރުވެސް އެބަ އާދެއެވެ. އަދި ހަނދާން ނެތިގެން ފޯނު ނުލާ ފާހަނައަށް ވަދެވޭފަހަރުތަކުގައި އެވާ ފޫއްސެއް ބުނެދޭން ނޭނގޭކަމުގައިވެސް ބައެއް މީހުން ބުނެއެވެ.

އަތުން ފޯނު ދޫކޮށްލަން ހަމަ އެންމެ ވަގުތެއްވެސް ބޭނުންނުވާއިރު، ފާހަނާގައި ފޯނު އަތައްލައިގެން ކުޅެން ހުންނައިރު ވަގުތު ހޭދަވެގެން ދާގޮތްވެސް ގިނަ މީހުންނަށް ނޭނގެއެވެ. ފޯނު އަތައްލައިގެން ފާހަނައަށް ވަދެ 30 މިނެޓްގެ ޕަބްޖީ ގޭމް ގަނޑެއް ކުޅެ ނިއްމާލުމަށްފަހު ނުކުންނަ މީހުންވެސް މިއަދު މަދެއް ނޫނެވެ.

ފާހަނަކުރަން ވަންނައިރު ފޯނު ހިފައިގެން ވަންނަ މީހުންނަށް މަޖާ ހާދިސާތަކާވެސް ކުރިމަތިލާންޖެހިފާ އެބަހުއްޓެވެ. އެގޮތުން ފާހަނަ ތަށި ތެރެއަށް ފޯނު ވެއްޓި އަގުބޯޑެތި ފޯނުތައް ހަލާކުވެފައިވާ ކިތަންމެ މީހެއް ތިބޭނެކަން ޔަޤީނެވެ.

ފާހާނާއަށް ވަންނައިރު ފޯނާ ކުޅޭ ޒުވާނުން އިތުރުވަމުން އަންނައިރު، އެއީ އެންމެ ރިވެތި އުޞޫލެއް ނޫނެވެ. ރިވެތި އަޚްލާޤުގެ ވެރި ބަޔަކަށް ވުމަށްޓަކައި މިފަދަ އާދަތަކާ ދުރުވާން ޖެހެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް