އިންވެސްޓަރުން ގެންނަން ތަސައްވުރު ރަނގަޅުކުރަން ޖެހޭ - ރައީސް

އިންވެސްޓަރުންނާއި ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަށްޓަކައި އެންމެ މުހިންމު އެއްކަމަކީ ރާއްޖޭގެ ތަޞައްވުރު ރަނގަޅުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.

ބޭރު ގައުމުތަކުގައި ތިބޭ ރާއްޖޭގެ ސަފީރުންގެ އަހަރީ ބައްދަލުވުން ފެށުމުގެ ގޮތުން ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު މަތިވެ، ފަތުރުވެރިކަމުގެ އިންވެސްޓްމަންޓްތައް އިތުރުވެފައިވާ ކަމަށެވެ.

"މިހާރުގެ ހާލަތަށް ބަލާއިރު އިންވެސްޓަރުންނާއި ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަަކައި ކުރަން ޖެހިފައިވާ އެންމެ މުހިއްމު އެއް ކަމަކީ ރާއްޖޭގެ ތަސައްވުރު ރަނގަޅުކުރުން،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ހިނގާ އެކި ކަންކަމާ މެދު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަހުސްތައް ކުރެވެމުންދާއިރު، ކަމުގެ ޙަޤީޤަތްތަކާއި ރާއްޖޭގައި ކަން ހިނގާ އުޞޫލުތައް އޮޅުންފިލުވައިދޭންޖެހޭކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ތަރައްޤީގެ ކަންކަމުގައި ބޭރުގެ ޤައުމުތަކާ ގުޅުން އުފައްދާއިރުވެސް، ރާއްޖޭގެ ޤަދަރާއި ޝަރަފު ހިފެހެއްޓުމަކީ ވެސް އެހާމެ މުހިންމު ކަމެއް ކަމަށެވެ. އަދި ރާއްޖެއަކީ މިނިވަން ޤައުމެއްކަމާއި ރާއްޖޭގެ ކަންތައްތައް ބައްޓަންކުރަންވާނީ، ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް، ދިވެހި ރައްޔިތުން އެދޭ އަދި ރައްޔިތުންނަށް ފައިދާހުރި ގޮތްތަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ދުނިޔޭގެ ކަންކޮޅުތަކުގައި ނަގާ ވަރުގަދަ ރާޅުތައް މިރާއްޖޭގެ ގޮނޑުދޮށްތަކަށް ވެސް ބިންދަމުން އާދޭ. ބައިނަލްއަގުވާމީ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި މިރާއްޖެ އަށް އަމާންކަމާ އެކު ދަތުރުކުރެވޭނީ އަޅުގަނޑުމެން އެންމެން އެއް އަމާޒެެއްގައި ވިސްނުންތެރިކަމާ އެކު މަސައްކަތްކޮށްގެން،" ރައީސް ވިދާޅުވިއެވެ.

ރާއްޖެއިން ބޭރު ޤައުމުތަކަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުން ބައިވެރިވެ ވަޑައިގަންނަވާ މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ސަފީރުންގެ ކަންކަން ހަރުދަނާކުރުމާއި، ސަފީރުންގެ މަސައްކަތުގައި ކުރިމަތިވާ ގޮންޖެހުންތަކާމެދު މަޝްވަރާކުރައްވައި އެކަންކަމަށް ޙައްލު ހޯއްދެވުމަށް މަސައްކަތް ކުރެއްވުމާއެކު ސަރުކާރުގެ އެހެން އިދާރާތަކާއި ގުޅުން ބަދަހިކުރެއްވުން ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް