ރާއްޖޭގައި އުމުރުން 8 އަހަރުގެ ކުދިންވެސް ޑްރަގްގެ ވަބާގައި ޖެހިފައި!

ދިވެހި ރާއްޖޭގައި އުމުރުން 8 އަހަރުން ފެށިގެން، ކުދިން ޑްރަގްގެ ވާބާގައި ޖެހޭ ކަމަށް ހެލެތް މިނިސްޓްރީން ހާމަކޮށްފިއެވެ.

ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ އިދާރީ ހިންގުން އިސްލާހުކޮށް ފަރުވާ ދިނުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ހެލްތު މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ ޕްރެޒެންޓޭޝަނެއް މިއަދު ހެލެތް މިނިސްޓްރީން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ. އެންޑީއޭއިން ކުރަމުންދާ މަސައްކަތުގެ ޕްރެޒެންޓޭޝަނެއް މިއަދު މަޖިލީހަށް ހުށަހެޅީ ހެލްތް މިނިސްޓަރ އަހްމަދު ނަސީމް އެދިލެއްވުމަކަށެވެ.

އެންޑީއޭ ހިންގުން ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ.

ހެލްތް މިނިސްޓްރީން ހޯދައިފައިވާ ދިރާސާގެ މި ޕްރެޒެންޓޭޝަން ހުށަހަޅުއްވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސަފިއްޔާ މުހައްމަދު ސައީދު ވިދާޅުވީ، މިއަދު ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގައި ޑްރަގްގެ މައްސަލައިގައި އެންމެ ފަހުން ރިޕޯޓެއް އެކުލަވާލައިފައިވަނީ 2012 ވަނަ އަހަރު ކަމަށް ސަފިއްޔާ ފާހަގަކުރިއެވެ.

ދުނިޔޭގެ ސިއްހަތުގެ ޖަމިއްޔާއިން ތައްޔާރުކުރި ޑްރަގް ސިޗުއޭޝަން އެނަލިސިސްއަށް ބަލާއިރު، ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އުމުރުފުރާ ވަރަށް ބޮޑަށް ފުޅާވެފައިވާކަމަށެވެ. އެގޮތުން  2014 ވަނަ އަހަރަށް ބަލާއިރު، އޭރު މަސްތުވާތަކެތި ބޭނުންކުރާ އުމުރު ފުރާ އުޅުނީ 22 އަހަރާއި 37 އަހަރާ ދެމެދުގަ ކަމަށެވެ.

ނަމަވެސް 2021 އަހަރަށް ބަލާއިރު، މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ އުމުރުފުރާ 17 އަހަރާއި 68 އަހަރާ ދެމެދަށް ބަދަލުވެފައިވާ ކަމަށް ސަފިއްޔާ ފާހަގަކުރެއްވިއެވެ.

ސަފިއްޔާ ވިދާޅުވީ، ރާއްޖޭގައި ވަރަށް ގިނަ އަދަދެއްގެ ކުޑަކުދިން މަސްތުވާތަކެތީގެ ވަބާގައި ޖެހޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން މަސްތުވާތަކެތީގެ ވަބާގައި ޖެހޭ ކުދިންގެ ތެރެއިން އެންމެ ގިނައީ އުމުރުން 15 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން ކަމަށް އޭނާ ބުންޏެވެ. ނަމަވެސް 8 އަހަރުގެ ކުޑަކުދިންވެސް މަސްތުވާތަކެތީގެ ވަބާގައި ޖެހޭކަން ފާހަގަވެފައިވާ ކަމަށެވެ. މީގެ އިތުރުން ސަފިއްޔާ ވިދާޅުވީ، ރާއްޖޭގައި ޑްރަގް ވިއްކުމަށް ބިދޭސީންނާއި ކުޑަކުދިން ބޭނުންކުރާ ކަމަށް ވަރަށް ހިތާމައާއެކު ފާހަގަކުރާ ކަމަށެވެ.

ސަފިއްޔާ އިތުރަށް ވިދާޅުވީ، މި އެނަލިސިސް އިން ދައްކާގޮތުގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށް އެންމެ ބޮޑަށް ޝާމިލްވަނީ ދިވެހިން ކަމަށެވެ. އަދި ރާއްޖޭގައި ބޭނުންކުރާ މަސްތުވާތެކެތީގެ ބާވަތްތައްވެސް ވަރަށް ބޮޑުތަނުން ބަދަލުވެފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ.

އެގޮތުން 2010 ވަނަ އަހަރާއި 2011 ވަނަ އަހަރަށް ބަލާއިރު މަސްތުވާ ތަކެތީގެ ގޮތުގައި ބޭނުންކޮށްފައި ހުރި ގުދުރަތީ ބާވަތްތައް ކަމަށެވެ. ނަމަވެސް މިހާރު ބޭނުންކުރަނީ ކެމިކަލް ސަބްސްޓޭންސް ކަމަށާއި އެގޮތުން މެތައެމްފެޓަމިން ރާއްޖޭގައި ބޭނުންކުރާލެއް ވަރަށް ގިނަ ވެއްޖެކަމަށް ސަފިއްޔާ ފާހަގަކުރިއެވެ.

މިލިޔުން ކިޔާލުމުން
132
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ