ކުރިން ފުވައްމުލަކަށް ކުރި ވިއްސާރައެއްގައި ފެން ހިންދުމުގެ މަސައްކަތް ކުރަނީ - ފޮޓޯ: އެމްއެންޑީއެފް

ފެން ބޮޑު ވެދާނެތީ ބައެއް ރަށްރަށުގައި ވެލި ބަސްތާ ޖަހަނީ

މޫސުން އިތުރަށް ގޯސްވެ ފެންބޮޑުވެގެން ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށްޓަކައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) ފަށައިފިއެވެ.

އެންޑީއެމްއޭ އިން ވިދާޅުވީ، ފުވައްމުލަކަށް ރޭ ކުރި ވިއްސާރައިގައި އެރަށު ޗަކަބިން ސަރަހައްދުގެ ގޭގޭގައި ފެން ބޮނޑުވެފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި އަަދި އިތުރު ގެއްލުންތައް ލިދާނެތީ ގެތަކުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން އަދި ކައުންސިލުން ކުރަމުން ގެންދާ ކަމަށެވެ.

މޫސުން ގޯސްވެ ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް ޑިޒާސްޓަރ ސެންޓަރުން ފިޔަވަޅު އަޅަން ފަށާފައި މިވަނީ، މިއަދު ކުރި ވިއްސާރައިގައި މާލޭގައި ފެންބޮޑުވެ ފެން ހިއްކުމުގެ މަސައްކަތްވެސް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ ބޮޑު ބައެއްގެ މޫސުން އިތުރަށް ގޯސްވާނެކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ވައިޓް އެލާޓްގެ ވަގުތުވެސް އިތުރުކޮށްފައެވެ.

މެންދުރުފަހު 02:00 އިން މިރޭ 08:00 އާ ހަމައަށް މެޓް އޮފީހުން އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ގއ.އަތޮޅާ ހަމައަށެވެ. މި އެލާޓްގައި ވިދާޅުވެފައިވަނީ، ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށެވެ.

މެޓް އޮފީހުން ވިދާޅުވީ، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އަދި ބޮޑު ދިޔައިގައި އުދަ އެރުމުގެ ފުރުޞަތުވެސް އޮތްކަމަށް މެޓު އޮފީހުން ވިދާޅުވިއެވެ. 

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް