ކޮމިޝަންތަކަށް ބާރު ދިނުމަށް މަޖިލީހުން ފާސްކޮށްފި

ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އުފައްދާފައިވާ ކޮމިޝަނަށާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނަށް ބާރު ދޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް ފާސްކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ 67 މެންބަރުންގެ ތާއީދާއެކު އެވެ.

މިއަދު ފާސްކުރި ބިލާއެކު ރިޔާސީ ކޮމިޝަންތަކަށް، ކޮމިޝަނުގެ ހިންގާ ގަވާއިދު އެކުލަވާލުމުގެ ބާރާއި، ބަލާމައްސަލަތަކުގައި ފުލުހުންނާއި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަން ހޯދުމުގެ ބާރާއި، ރާއްޖޭން ބޭރުގެ އިންވެސްޓިގޭޓަރުން ގެނައުމުގެ ބާރާއި، ތަންތަން ބަލާ ފާސްކުރުމުގައި ފުލުހުންގެ އެހީ ހޯދުމުގެ ބާރާއި، ތަކެތި ހިފެހެއްޓުމުގެ ބާރާއި، އަދި ކޯޓު އަމުރަށް އެދެމުގެ ބާރު ލިބިގެން ދާނެއެވެ.

ބިލް ގާނޫނަކަށްވެ ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރާ ދުވަހުން ފެށިގެން އެއަށް އަމަލު ކުރަން ވާނެ ކަމަށް ވެސް އެ ބިލްގައިވެ އެވެ.

ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް 18 ވަނަ ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހެޅުނެވެ. ނަމަވެސް އެފަހަރު އެ ބިލު ފާސްކުރެވިފައެއް ނުވެއެވެ. މިދައުރުގެ ޖަލްސާއަށް ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން އެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް