ބްރޯޑްކޮމްގެ ނައިބު ޒައިނާ އަދި މެންބަރު ސޮފްވާން ވަކި ކުރަން ހުށަހަޅައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އެ ކޮމިޝަންގެ ނަައިބު ރައީސް ފާތިމަތު ޒައިނާ އާއި މެންބަރު އިސްމާއީލް ސޮފްވާން ވަކި ކުރަން ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފި އެވެ.

މިމައްސަލަ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށައެޅިއިރު، މިހުށަހެޅުމަށް ތައީދު ކުރުއްވާފައިވަނީ ވެލިދޫ ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ޝަފީގެވެ.

މީކާއިލްގެ މިހުށަހެޅުމަށް ކޮމެޓީން ވަކި ގޮތެއް ނިންމާނީ ދެން އޮންނަ ކޮމިޓީ ބައްދަލުވުމެއްގައިކަން ކަމަށް ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމްވަނީ ވިދާޅުވެފައެވެ.

ބްރޯޑްކޮމްގެ މެންބަރުން ކޮމިޓީއަށް ހާޟިރުކޮށް މިއަދު ސުވާލުކޮށްފައިވާއިރު، ޒައިނާ ވަޑައިގެންނެވިނަމަވެސް މެންބަރު ސޮފްވާން ހާޟިރުވެފައިނުވާކަން ފާހަގަކޮށްލެވެއެވެ. އަދި މެންބަރުން ވިދާޅުވާ ގޮތުން ކޮމިޝަންގެ މަސައްކަތްތަކުގައި ސޮފްވާން ބައިވެރިވެވަޑައި ނުގަންނަވާތާ އަށެއްކަ މަސްވެއްޖެއެވެ. އަދި އޭނާ އުޅޭތަނެއް މިހާރު އެކޮމިޝަނަށް ނޭނގޭއިރު ޤަވާޢިދުން މުސާރަ ނަންގަވާކަންވެސް ކޮމެޓީގެ މިބައްދަލުވުމުގައިވަނީ ފާހަގަކުރެވިފައެވެ.

އަދި މަސައްކަތަށް ސޮފްވާން ނުނިކުންނަވާއިރުވެސް މުސާރަ ދެމުންދަނީ މަޖިލީހުން ވަކިގޮތެއް ނުނިންމަވާތީކަމަށްވެސް އެކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބް ވިދާޅުވެފައިވެއެވެ.

ބްރޯޑްކޮމް ނަައިބު ރައީސް ފާތިމަތު ޒައިނާއާ ކުރި ސުވާލަކަށް ޖަވާބުދެމުން އޭނާއަށް އެއްވެސް ސިޔާސީ ނުފޫޒެއް ނެތް ކަމަށްވަނީ ވިދާޅުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް