ޚާޝުގްޖީގެ މަރުގެ މައްސަލައިގައި ސައުދީ ވަލީއަހުދާ ސުވާލުކުރަން ޖެހޭ - އދ.ގެ ރިޕޯޓް

ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލުމާއި ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާއި ތަހުގީގީ ސުވާލުކުރަން ޖެހޭކަމަށް އދ.ގެ ތަހުގީގު ރިޕޯޓްގައި ބުނެފި އެވެ.

މިއަދު ނެރުނު ތަހުގީގީ ރިޕޯޓުގައި ބުނެފައިވަނީ، ޚާޝުގްޖީގެ މަރާ މުހައްމަދު ބިން ސަލްމާންއާ ގުޅުން ހުރިކަމުގެ އިތުބާރު ހުރި ހެކި ލިބިފައިވާތީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަން ޖެހޭ ކަމަށެވެ.

މި ރިޕޯޓް އެކުލަވާލުމުގައި އިސްކޮށް ހަރަކާތްތެރިވި އެކްސްޓްރާ ޖުޑިޝަލް، އާބިޓްރަރީއާ ބެހޭ އދ.ގެ ޚާއްސަ ރެޕަޓުއާ އަގްނީސް ކަލަމާޑު އަލްޖަޒީރާ އާއި ވާހަކަދައްކަމުން ބުނެފައިވަނީ، ލިބިހުރި މައުލޫމާތަށް ބުރަވާއިރު ޚާޝުގްޖީގެ މަރަކީ ވަރަށް ބޮޑަށް ރޭވިގެން ހިނގައިފައިވާ ޖަރީމާއެއްކަން ސުވާލު ނުއުފެދޭ މިންވަރަށް އިނގެން އެބައޮތް ކަމަށެވެ.

ޚާޝުގްޖީގެ މަރާލައިފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ 2 ވަނަ ދުވަހު ތުރުކީގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީ ތެރޭގައެވެ. ސައުދީ އަރަބިއްޔާއިން ފުރަތަމަ ވަނީ ޚާޝުގްޖީ މަރާލެވިފައިވާކަން ދޮގުކޮށްފައެވެ. ނަމަވެސް ފަހުންވަނީ ޚާޝުގްޖީ މަރާލެވިފައިވާކަމަށް އެއްބަސްވެ މަރުގެ ތަހުގީގު ފަށައިފައެވެ.

އދ. އިން މިއަދު ނެރުނު ރިޕޯޓުގައި ފާހަގަ ކޮށްފައިވާގޮތުން ސައުދީ އަރަބިއްޔާއިން މިމައްސަލައިގައި ކުރަމުންދާ ތަހުގީގަކީ ބައިނަލްއަގުވާމީ މިންގަނޑަށް ނުފެތޭ ތަހުގީގެކެވެ. އަދި މި މައްސަލާގައި ބައިނަލްއަގުވާމީ ޖިނާއީ ތަހުގީގެއް ކުރަން ގޮވާލައިފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް