ފަނޑިޔާރުންގެ މަސައްކަތާއި މެދު ސުވާލު އުފައްދައި ހަގީގަތެއް ނެތް ވާހަކަ ނުދައްކަން އެދެފި

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ފަނޑިޔާރުންގެ މަސައްކަތާއި މެދު ސުވާލު އުފައްދާ، ހަޤީގަތާއި ހިލާފު ވާހަކަ ނުދައްކަން ފަނޑިޔާރުންގެ ޖަމިއްޔާއިން އިލްތިމާސްކޮށްފިއެވެ.

އެ ޖަމިއްޔާއިން މިއަދު ނެރުނު ބަޔާނުގައި ބުނީ، ހެން ރައްޔިތުންނެކޭވެސް އެއްފަދައިން ފަނޑިޔާރުންނަކީވެސް މުޖްތަމަޢުގެ ތެރޭގައި ދިރިއުޅޭ ބަޔަކަށް ވެފައި، ފަނޑިޔާރަކު ނިންމާ މައްސަލައަކާ ގުޅިގެން އެފަނޑިޔާރާގުޅޭ ގޮތުން ޙަޤީޤަތެއްނެތް ވާހަކަ ސޯޝަލް މީޑިއާ އާއި އެނޫންވެސް ތަންތަނުގައި ފާޅުކޮށް، ފަނޑިޔާރުގެ މަސައްކަތާމެދު ސުވާލު އުފައްދައި ފަނޑިޔާރުންނަށް ބިރުދެއްކުމަކީ ޢަދުލު އިންޞާފުގެ ދާއިރާއާމެދު ނުރަނގަޅު ތަސައްވުރެއް އުފެދި ޝަރުޢީ ދާއިރާ ހަރުދަނާކޮށް އިތުބާރު ހޯދުމަށް ހުރަސްތަކެއް މެދުވެރިވެދާނެ ކަމެއް ކަމަށެވެ.

އަދި އެއީ ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރައި، ވަކިފަރާތަކުން ދައްކައިފާނެ ބިރަކަށް ޖެހިލުންނުވެ ތިބެ ނިޔާ ކަނޑައެޅުމަށް މަތިކޮށްފައިވާ މަސްޢޫލިއްޔަތު އަދާކުރުމަށް ހުރަސް އެޅިގެންދާނެ ކަމެއް ކަމުގައި ޤަބޫލު ކުރެވޭތީ، ފަނޑިޔާރަކު ނިންމާ ނިންމުމަކާމެދު ހިތްހަމަ ނުޖެހޭނަމަ، އެކަމުގެ މަސްލަޙަތު އޮތް ފަރާތްތަކުން އެ ނިންމުމެއް އެއަށްވުރެ މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފު ކުރެވޭނެ ކަމަށް ޤާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ޙައްޤުގެ ބޭނުން ހިފުމަށް، އެ މަގު އިޚްތިޔާރު ކުރުމުގެ ބަދަލުގައި ފަނޑިޔާރުންގެ ނިންމުންތަކާމެދު ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް ޙަޤީޤަތާ ޚިލާފު ވާހަކަ ދެއްކުމަކީ ފަނޑިޔާރުންގެ މަސައްކަތް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރެވޭ ކަމެއް ކަމަށް ވެސް ބަޔާނުގައި ވެއެވެ.

މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު މަސައްކަތްކުރުމަށް ފަނޑިޔާރުންނަށް ހުރަސް އެޅޭފަދަ ކަންކަން ނުކުރުމަށާއި، ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭފަދަ ޙަޤީޤަތާ ޚިލާފު ވާހަކަ ނުދެއްކުމަށާއި، ފަނޑިޔާރުން މަސައްކަތްކުރުމުގައި ޤާނޫނާއި ގަވާއިދާ ޚިލާފުވާކަމަށް ދެކޭ ނަމަ އެކަންކަމާގުޅޭ ގޮތުން ޢަމަލުކުރުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ އިޖްރާއާތުގެ ތެރެއިން ޢަމަލުކުރުމަށް ފަނޑިޔާރުންގެ ޖަމިއްޔާ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

ދިމިޤްރާތީ ނިޒާމެއްގައި ޢަދުލްއިންޞާފު ޤާއިމް ކުރުމުގެ ބާރަކީ ޤާނޫނު ހެދުމުގެ ބާރާއި ވެރިކަން ހިންގުމުގެ ބާރާއި ވަކިން، މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު ހިނގާ ބާރަކަށް ވެފައި، ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކުރުމަށާއި، ކޯޓުތަކުގެ ހައިބަތާއި ޤަރަދު ޙިމާޔަތްކޮށްދީ، ވަކިފަރާތަކަށްނުޖެހި، ހަރުދަނާ ގޮތެއްގައި މަސައްކަތްކުރާ ތަންތަން ކަމަށް ހެދުމަށްޓަކައި ދައުލަތުގެ އިދާރާތަކުންނާއި ދައުލަތުގެ ކަންތައްތައް ހިންގުމާ ޙަވާލުވެތިބި އެންމެހައި މީހުން ކޯޓުތަކަށް އެހީތެރިވުމަށް ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާތީއާއި، އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ޙަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހަދައިގެން ނުވާނެ ކަމަށް ޤާނޫނުއަސާސީގައި ބުނެފައިވާކަންވެސް ޖަމިއްޔާއިން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް