"އެވެންޖާސް : އެންޑްގޭމް"ގެ އާ ވާޝަންއެއް ނެރެނީ

މިއަހަރުގެ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ރިލީޒްކުރި ""އެވެންޖާސް : އެންޑްގޭމް"، އިތުރު މަންޒަރުތަކަކާއިއެކު ޖޫން މަހުގެ ފަހުކޮޅު އަލުން ރިލީޒްކުރަން ނިއްމާފައިވާކަމުގައި މާވެލް ހާމަކޮށްފިއެވެ.

"ސްޕައިޑަމޭން : ފާ ފްރޮމް ހޯމް"ގެ މީޑިއާ އިވެންޓެއްގައި އިއްޔެ ވާހަކަދައްކަމުން މާވެލް ގެ ހެޑް، "ކެވިން ފީޖް" ބުނީ، އެންޑްގޭމް ގެ ޕޯސްޓް ކްރެޑިޓް ސީންތަކަކާއި އަދި އިތުރު އެހެން ސީންތަކަކާއެކު ޖޫން މަހުގެ ފަހު ހަފްތާ ބަންދުތެރޭގައި އަލުން އެންޑްގޭމް ގެ އެހެން ވާޝަންއެއް ސިނަމާތަކުގައި އަޅުވާނެކަމަށެވެ.

އެވެންޖާސް ސީރީޒްގެ އެންމެ ފަހުގެ ފިލްމް "އެންޑްގޭމް" އާއިއެކު ޖުމްލަ 22 ފިލްމެއް މާވެލް އިން ގެނެސްދީފައިވާއިރު، މީގެ ކޮންމެ ފިލްމެއްގެ ނިއްމުމުގައިވެސް އެވެންޖާސް ގެ ކުރިއަށް އޮންނަ ފިލްމާ ގުޅޭ ޕޯސްޓް ކްރެޑިޓް ސީންތަކެއް ވަނީ ހިމަނާފައެވެ.

ނަމަވެސް އެންޑްގޭމްގެ ނިއްމުމުގައި މިފަހަރު ޕޯސްޓް ކްރެޑިޓް ސީންއެއް ހިމަނާފައިނުވާއިރު، ކެވިން ބުނީ، އަލުން ރިލީޒްކުރާ އެންޑްގޭމްގެ އާ ވާޝަންގައި ވަރަށް ސަޕްރައިސް ޕޯސްޓް ކްރެޑިޓް ސީން ތަކެއް ހިމެނޭނެކަމަށެވެ.

އެންޑްގޭމްގެ މި އާ ވާޝަން މިމަހުގައި ރިލީޒްކުރާނެ ކަން ކެވިން ކަށަވަރުކޮށްދީފައިވާއިރު، މި ވާޝަންގެ "އެކްސްޓެންޑެޑް ކަޓެއް" ނޫންކަމަށާއި ނަމަވެސް ކުރީގެ ވާޝަންގައި ނުހިމެނޭ ކުދި ކުދި އިތުރު މަންޒަރުތަކަކާއެކު، ވަރަށް ހާއްސަ މަންޒަރެއް ފިލްމްގެ ނިއްމުމުގައި ފެނިގެންދާނެކަމަށެވެ.

ދުނިޔޭގެ ތާރީޚުގައި މިހާތަނަށް ދެ ވަނަ އަށް އެންމެ ގިނަ އާމްދަނީ ހޯދި ފިލްމަށް "އެވެންޖާސް : އެންޑްގޭމް" ވެގެން ގޮސްފައިވާއިރު، މި ފިލްމަށް އާމްދަނީގެ ގޮތުގައި 2.7434 ބިލިއަން ޑޮލަރު ވަނީ ލިބިފައެވެ. 2.788 ބިލިއަން ޑޮލަރުގެ އާމްދަނީއާއެކު މި ލިސްޓްގެ އެއް ވަނާގައި އޮތީ 2009 އަހަރު ނުކުތް "އަވާޓާ" އެވެ.

މާވެލްގެ ކުރިއަށް އޮތް ފިލްމް "ސްޕައިޑަމޭން : ފާ ފްރޮމް ހޯމް" ރިލީޒްކުރާނީ ޖުލައި 2ގައެވެ. އަދި އޭގެ ކުރިން އެންޑްގޭމް ގެ މި އާ ވާޝަން ނެރޭއިރު، މި ފިލްމްގެ ޕޯސްޓް ކްރެޑިޓް މަންޒަރުތައް "ސްޕައިޑަމޭން : ފާ ފްރޮމް ހޯމް" އާ ގުޅުވާފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް