ލޯންޗު ހާދިސާގައި ނިޔާވި ނާހިދާ--

ކަނޑުވެ ގެއްލުނު ކުޑަކުއްޖާގެ މަންމަ ނިޔާވެއްޖެ

މާލޭން ވ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ރާޅެއްގައި ޖެހި އޭގެ ތެރެއިން ކަނޑަށް ވެއްޓުނު ތިން މީހުންގެ ތެރޭގައި ހިމެނޭ އަންހެނަކު ކަނޑުވެގެން ނިޔާވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، 2 ކުޑަކުދިންނާއެކު، ޖުމްލަ 12 މީހުން ދަތުރުކުރަމުން ދިޔަ ލޯންޗެއް އަޑިއަށްގޮސް، އޭގެތެރެއިން ކުޑަ އެއް ކުއްޖަކު ގެއްލިގެން އުޅޭކަމުގެ މައުލޫމާތު މިއަދު ލިބިފައިވާ ކަމަށެވެ. ކަނޑުވެ ނިޔާވެފައި ވަނީ ގެއްލިގެން އުޅޭ 4 އަހަރުގެ ފިރިހެން ކުއްޖާގެ މަންމައެވެ.

މިއީ މިއަދު ހަވީރު މާލެއިން ފުރައިގެން ވ. އަތޮޅަށް ދަތުރުކުރި ލޯންޗެކެވެ. އަދި މި ލޯންޗަށް އެރި ރާޅަކާއެކު ތިން މީހުން މޫދަށް ވެއްޓިފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދިނެވެ. އަދި އެއީ ކުޑަ 2 ކުދިންނާއި އެކުދިންގެ މަންމަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ، މިއަދު މާލެ އިން ވ. އަތޮޅަށް ދަތުރުކުރި ލޯންޗެއް އޮޅުވެލި ކައިރިން ދިޔަވެ އަޑިއަށް ދާ ކަމުގެ މައުލޫމާތު 17:06 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި މި ހާދިސާގައި ލޯންޗުން މޫދަށް ވެއްޓުނު ތިން މީހުންގެ ތެރެއިން 2 މީހަކު މިހާރު ފެނިފައިވާއިރު، 4 އަހަރުގެ ކުޑަކުއްޖާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުންޏެވެ.

ފެނުނު ދެ މީހުންގެ ތެރޭގައި ގެއްލިގެން ހޯދަމުންދާ ކުޑަކުއްޖާގެ މަންމަ ހިމެނެއެވެ. އަދި އޭނާއަށް ފަރުވާ ދިނުމަށް ކ. ގުރައިދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވެއެވެ.

ނަމަވެސް ގެއްލުނު ކުޑަ ކުއްޖާގެ މަންމަ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ވ. ފުލިދޫ ކައުންސިލުން ވަނީ ޔަޤީންކޮށްދީފައެވެ. އަދި އެމްއެންޑީއެފް އާއި ފުލުހުންވެސް ވަނީ އަންހެން މީހާ ނިޔާވިކަން ކަށަވަރުކޮށްދީފައެވެ.

ދިޔަވި ލޯންޗު މިހާރު ގުރައިދޫ ފަޅަށް ވައްދާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

މިލިޔުން ކިޔާލުމުން
3115
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ