އަލިފާންގަނޑު ނިއްވުމަށް ފަޔަރ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވަނީ-- ފޮޓޯ: އަދަދު

އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް ނުދިއުމަށް އިލްތިމާސްކޮށްފި

މިވަގުތު އަމީނީމަގު ސީގަލް ފިހާރަ ސަރަހައްދުގައި ހިނގަމުންދާ އަލިފާނުގެ ހާދިސާގައި، ދުމުން ރައްކާތެރިވުމަށް ދުމުގެ އަސަރު ކުރާ ހިސާބަށް އާއްމު ފަރާތްތަކުން ނުދިއުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސް ކުރައްވައިފިއެވެ.

މި އަލިފާނުގެ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައި ވަނީ މިއަދު 11:51 ހާއިރުއެވެ. އެމްއެންޑީއެފުން ބުނީ، ސީގަލް ސަރަހައްދުގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެގެން ފަޔަރ އެންޑް ރެސްކިއު ޓީމުން އަލިފާން ނިއްވުމަށް މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާކަމަށެވެ.

މި ހާދިސާ އާއި ގުޅިގެން ދުމުގެ އަސަރު ކުރާ ހިސާބުތަކުގައި ގޭގެތެރެއަށް ދުން ނުވަންނަހެން ދޮރާއި ކުޑަދޮރުތައް ރަނގަޅަށް ލެއްޕުން މުހިއްމުކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. އަދި އުމުރުން ދުވަސްވީ ފަރާތްތަކާއި ކުޑަކުދިންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުންނާއި ހިތުގެ ބަލިތައް ހުންނަ މީހުންނަށް، ދުމުގެ އަސަރު ކުރުމުން ނުރައްކާވެދާނެތީ އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މި އަލިފާންގަނޑު ނިއްވުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމުން އެ ސަރަހައްދުގައި ހަރަކާތްތެރިވާއިރު، މިހާރު ވަރަށް ބޮޑަށް އަލިފާންގަނޑު ވަނީ ކޮންޓްރޯލުކުރެވިފައެވެ.

މި ހާދިސާގައި މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ. އަދި އަލިފާން ރޯވާން މެދުވެރިވި ސަބަބެއްވެސް އަދި ނޭނގެއެވެ.

*****

އެމްއެންޑީއެފުން މި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލައިފައެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް މައުލޫމާތު ދިނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ