ހެލްތުގެ ކޮމިއުނިކޭޝަން ޑިރެކްޓަރ އިއުލާން ބާތިލްކޮށްފި

މިނިސްޓްރީ އޮފް ހެލްތުން އެ މިނިސްޓްރީއަށް ކޮމިއުނިކޭޝަން ޑިރެކްޓަރެއް ހޯދުމަށްކުރި އިއުލާން ބާތިލު ކޮށްފިއެވެ.

މިނިސްޓްރީން އިއުލާން ބާތިލްކޮށްފައި މިވަނީ އެއުލާނާއި ގުޅިގެން އާންމު ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. ކޮމިއުނިކޭޝަން ޑިރެކްޓަރެއް ހޯދުމަށް ކުރި އިއުލާނުގައި ބުނެފައިވަނީ އެ މަގާމުގެ ޝަރުތަކީ ޖީސީއީ އޯލެވެލް ހުރުމާއެކު ޚަބަރު ފަތުރާ ވަސީލަތެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައި ވުމެވެ. އަދި ޚަބަރު ފަތުރާ ވަސީލަތެއްގައި އެގްޒެކެޓިވް ލެވެލްގައި 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ހާސިލުކޮށްފައި ވުމެވެ.

މަގާމުގެ މުސާރައެއްގެ ގޮތުގައި ކަނޑައަޅައިފައި ވަނީ މަހަކު 20،000 ރުފިޔާއެވެ. އާންމު ގިނަބަޔެއްގެ ފާޑުކިޔުން އަމާޒުވީ އޯލަވެލް ފެންވަރުގެ މުވައްޒަފަކަށް މުސާރައިގެ ގޮތުގައި މަހަކު 20،000 ރުފިޔާ ދިނުމަށް ކަނޑައަޅައިފައި ހުރުމެވެ.

މިމައްސަލައިގައި ހިޔާލު ފާޅުކުރި އާންމުން ބެނެފައިވަނީ މާސްޓާސް ނިންމާފައި ތިބި ސިވިލް ސާވިސްގެ މުވައްޒަފުންނަށް 12،000ރ.ގެ މުސާރަ ނުލިބޭ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ތުހުމަތު ކޮށްފައިވަނީ މި ވަޒީފާ އަކީ ވަކި ފަރާތަކަށް މަންފާއެއް ހޯދައި ދިނުމަށްޓަކައި އިއުލާން ކޮށްފައިވާ ވަޒީފާއެއް ކަމަށެވެ.

މިނިސްޓްރީ އޮފް ހެލްތުން މިއަދުކުރި ޓުވީޓެއްގައި ބުނެފައިވަނީ މި ވަޒީފާގެ އިއުލާނަކީ އެޑްމިނިސްޓްރޭޓިވް މައްސަލައެއްގެ ސަބަބުން އޮޅުމަކުން ކުރެވިފައިވާ އިއުލާނެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް