އާބިޓްރޭޝަން ސެންޓަރު ރަސްމީކޮށް އިފްތިތާހުކޮށްފި

ކޮމާޝަލް ލޯ ޑިވަލޮޕްމެންޓް ޕްރޮގްރާމުގެ އެހީއާއެކު މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު(އެމްއައިއޭސީ) މިއަދު ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.

އާބިޓްރޭޝަން ގާނުނުގެ ދަށުން އާބިޓްރޭޝަން ކަންކަމާ ގުޅުންހުރި ހިދުމަތްތައް ފޯރުކޮށްދެމުން އައި އެމްއައިއޭސީ ރަސްމީކޮށް އިފްތިތާހު ކޮށްފައިވަނީ މިއަދުއެވެ. މި ސެންޓަރު ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ކްރޮސްރޯޑް މޯލްޑިވްސް ގައި ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އެވެ.

އާބިޓްރޭޝަން ގާނޫނަކީ ގާނޫނު ގަބޫލުކުރާ ގުޅުމަކުން ގުޅިފައިވާ ދެފަރާތެއްގެ ދެމެދުގައި ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކެއްގެ މެދުގައި އުފެދޭ ވިޔަފާރީގެ މައްސަލަތައް އާބިޓްރޭޝަނުގެ ބައިނަލްއަގްވާމީ ހަމަތަކާ އެއްގޮތްވާގޮތުގެ މަތިން ހައްލުކުރުމަށް މަގުފަހިކޮށްދިނުމުގެ އުސޫލުތައް ބަޔާންކުރުމަށް 2013 ވަނަ އަހަރު ތައާރަފުކޮށްފައިވާ ގާނޫނެކެވެ.

އެމްއައިއޭސީ އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އޮނަރަބަލް އަހުމަދު މުހުތަސިމް އަދުނާން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި އެމްއައިއޭސީގެ ޗެއާމަން އަލްއުސްތާޒު މުހައްމަދު ޝަހުދީ އަންވަރު ގެ އިތުރުން ޔޫއެސް ޑިޕާޓްމެންޓް އޮފް ކޮމާސްގެ ފަރާތުން ސީނިއާ ކައުންސިލް ޒުމަރަކު ހާން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔަތުގައި ވާހަކަ ދައްކަވަމުން އުއްތަމަފަނޑިޔާރު އަހްމަދު މުހުތަސިމް އަދުނާނު ވިދާޅުވީ ރާއްޖޭގެ ވިޔަފާރިތައް ތަރައްގީވަމުން އަންނަ ގޮތަށް ބަލާއިރު އާބިޓްރޭޝަން ސެންޓަރެއްގެ މުހިއްމުކަން ވަނީ އިހުނަށް ވުރެ ބޮޑު ތަނުން އިތުރުވެފައިކަމަށެވެ.

"ވިޔަފާރި ކުރިއަރާ ތަރައްގީ ވެގެންދާނީ ކުރިމަތިވާ މައްސަލަތަކަށް އަވަސް ހައްލެއް ލިބޭނެ ނިޒާމެއް އިންތިޒާމު ކުރެވިގެން. ޝަރުއީ ނިޒާމުގެ އިތުރުން ގާނޫނީ ރައްކާތެރިކަމަށް ހިމާޔަތް ލިބިދޭ ބައިނަލް އަގްވާމީގޮތުން ބަލައިގަނެވޭނެ ފުރުސަތުތައް ހުޅުވާލައިގެން. އެހެންކަމަށްވާއިރު އެމްއައިއޭސީ އަކީ މިފަދަ ވިޔަފާރީގެ މައްސަލަތަކަށް އެހީވެދޭނެ ސެންޓަރެއް،" މުހުތަސިމް އަދުނާނު ވިދާޅުވިއެވެ.

މުހުތަސިމް އަދުނާނު އިތުރަށް ވިދާޅުވީ އާބިޓްރޭޝަންގެ މައްސަލަތައް ބައިނަލް އަގްވާމީ ފެންވަރުގައި ހިންގާ ތަންފީޒު ކުރުމުގެ މައިގަނޑު އެއް މުއާހަދާ ކަމަށްވާ 1959 ވަނަ އަހަރުގެ ނިވް ޔޯކް ކޮންވެންޝަނުގައި ދިވެހިރާއްޖެ ބައިވެރިވެފައިވުމަކީ މިއަދު މިފަށައިގަނެވުނު މަސައްކަތަށް ލިބުނު ކުރިއެރުމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެމްއައިސީއެލްގެ ފަރާތުން ވާހަކަދައްކަވަމުން އެސެންޓަރުގެ ޗެއާމަން މުހައްމަދު ޝަހުދީ އަންވަރު ވިދާޅުވީ 2013 ވަނަ އަހަރު އާބިޓްރޭޝަންގެ ގާނޫނު ތައާރަފުކުރެވިފައި ވީ ނަމަވެސް މަސައްކަތް މި ފެށުނީ ފަސް އަހަރު ފަހުން ކަމަށާއި ފާއިތުވި އަހަރުތަކުގެ ތެރޭގައި ގާނުނަށް ބަދަލު އައުމާއެކު އާބިޓްރޭޝަން ހިންގާ ގޮތާއި އެކަން ކުރިއަށްދާ ގޮތްތަކަށް ބޮޑެތި ބަދަލުތަކެއް އައުމުން އޭރު އެ ސެންޓަރު ހުޅުވަން ދަތިތަކެއް ކުރިމަތިވި ކަމަށެވެ.

"މިހާރު އާބިޓްރޭޝަން ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ދަނީ ކުރެވެމުން، މިއަންނަ އަހަރު އެކަންތައްތައް ތަންފީޒު ކުރުމުގެ މަސައްކަތް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ފަށާނަން. އާބިޓްރޭޝަން ކަންކަން ހިނގާއިރު އެކަމުގެ އެކްސެސް ވަރަށް ފަސޭހައިން ރަނގަޅަށް ކުރެވޭނެ ގޮތެއްގައި މި ސެންޓަރުން އިންތިޒާމު ކުރާނަން،" އަންވަރު ވިދާޅުވިއެވެ.

ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަވާނެކަމާ ގުޅޭގޮތުން ޝަހުދީ ވިދާޅުވީ މައްސަލައެއް ހުށަހަޅަން ބޭނުންވެއްޖެނަމަ އެކަން ފައިލް ކުރުމުގެ ނިޒާމު އީ ފައިލް ސިސްޓަމަކާއި އީ ފައިލް ކޭސް މެނޭޖުމެންޓް ސިސްޓަމެއް އެ ސެންޓަރުން ގާއިމުކޮށްފައިވާނެ ކަމަށެވެ. އަދި އެ ސެންޓަރުގެ އިދާރީ ގޮތުން އާބިޓްރޭޝަންތައް ހިންގުމަށްޓަކައި މިހާރު ގާއިމުކުރެވިފައިވާ ނިޒާމަކީ ދުނިޔޭގެ އެހެން ސެންޓަރުތަކުގައި ވެސް ގާއިމުވެފައިވާ ފެންވަރުގެ ނިޒާމެއްކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އާބިޓްރޭޝަނާބެހޭ ކަންކަމަށް މީހުން ހޭލުންތެރިކުރުމަށް ތަމްރީނު ޕްރޮގްރާމްތަކެއް ހިންގާނެ ކަމަށާއި މިކަމުގައި ބައިވެރިވާ ފަރާތްތަކަކީ ފުރިހަމަ ތަމްރީނު ލިބިފައިވާ ބަޔަކަށް ހެދުމަށް ވަރަށްގިނަ މަސައްކަތްތައް ކުރުމަށް ރާވާފައިވާ ކަމަށް ޝަހުދީ ވިދާޅުވިއެވެ.

އެގޮތުން ކުރިއަށް އޮތްތަނުގައި ތަޖުރިބާކާރު ކޯޗުންގެ އެހީއާއެކު ވަރަށް އަވަހަށް ދިހަ ގާނޫނީ ވަކީލުންނަށް އެސެންޓަރުން ތަމްރީނު ޕްރޮގްރާމުތަކެއް ހިންގަން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އާބިޓްރޭޝަންގެ ގާނޫނު ދަށުން އާބިޓްރޭޓަރުންގެ ގޮތުގައި މިހާރު ބޭފުޅުން އައްޔަން ކުރެވިފައިވާއިރު އޭގެ ތެރޭގައި އެއްވެސް ދިވެހި ބޭފުޅެއް ނެތް ކަމަށާއި ކުރިއަށް އޮތްތަނުގައި ދިވެހި މީހުން އާބިޓްރޭޓަރުންގެ ގޮތުގައި ފެނިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާގެ ޑިޕާޓްމެންޓް އޮފް ކޮމާސްގެ ފަރާތުން ސީނިއާ ކައުންސިލް ޒުމަރަކު ހާން ވިދާޅުވީ އެމްއައިސީ އަކީ ޖުޑިޝަރީ ހިންގުމަށް އެހީވެދޭނެ ސެންޓަރެއް ކަމަށާއިި ފަނޑިޔާރުންނަކީ އާބިޓްރޭޝަނުގައި އެންމެ އިސް ރޯލެއް އަދާކުރާނެ ބައެއް ކަމަށެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި އާބިޓްރޭޓަރުންނަށް އެވޯޑް ދެމުން އަންނައިރު، ރާއްޖޭގެ ފެންވަރުގައި އެވޯޑް ދެވޭނެ ނިޒާމެއް ގާއިމްކުރާނެ ކަމަށް އެމްއައިއޭސީ އިން ފާހަގަކޮށްފައިވެއެވެ.

އެމްއައިއޭސީ އިން ހިދުމަތް ފޯރުކޮށްދެމުން އަންނަތާ މިހާރު ދެ އަހަރު ވެފައިވާއިރު އެންމެ އެދެވޭ ގޮތެއްގައި ރަސްމީކޮށް އެ ސެންޓަރު ހުޅުވުމަކީ ވިޔަފާރިވެރިންނާއި އެނޫން ވެސް ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

އާބިޓްރޭޝަން ގާނޫނެއް ރާއްޖޭގައި ތައާރަފުވީ ނަމަވެސް އޭގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި މީގެ ކުރިން ނުހިފުނު ނަމަވެސް މި ސެންޓަރު މެދުވެރިކޮށް އާބިޓްރޭޓަރުންނަށާއި ވިޔަފާރި ވެރިންނަށް ފުރުސަތުތައް ފަހިވެގެންދާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ