އޮކްޓޯބަރު މަހު މީރާއަށް 1 ބިލިއަން ރުފިޔާ

މި އަހަރުގެ އޮކްޓޯބަރު މަހު 1 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށް  މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ބުނެފިއެވެ.

މީރާއިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 155.7 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ. އަދި މިއަހަރުގެ އޮކްޓޯބަރ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 39.2 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.

މީރާއިން ބުނީ އޮކްޓޯބަރު 2020ގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު އޮކްޓޯބަރު 2021ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ, ޖީ.އެސް.ޓީ، ޓޫރިޒަމް ލޭންޑް ރެންޓް، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުން ކަމަށެވެ. އެގޮތުން އޮކްޓޯބަރު 2020އާ އަޅައިބަލާއިރު، އޮކްޓޯބަރު 2021ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 12 ގުނަ އިތުރުވެފައިވާ ކަމަށް މީރާއިން ބުނެއެވެ.

މީގެ ސަބަބަކީ 2020 ވަނަ އަހަރު ކޮވިޑް-19ގެ ސަބަބުން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެފައިވުން ކަމަށް މީރާއިން ފާހަގަކުރެއެވެ. އާމްދަނީ އިތުރުވުމުގެ އަނެއް ސަބަބަކީ، ކުރީގެ މުއްދަތުތަކަށް ލިބެންޖެހޭ ޓޫރިޒަމް ލޭންޑް ރެންޓްގެ ފައިސާ މި މަހުގެ ތެރޭގައި ލިބިފައިވުމުން ކަމަށް ވެސް އެ އޮތޯރިޓީން ބުނެއެވެ.

އޮކްޓޯބަރު 2021ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 58.4 އިންސައްތަ ނުވަތަ 584.86 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްއިންނެވެ. އެއީ 11.8 އިންސައްތަ ނުވަތަ 117.96 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 65.11 މިލިއަން ރުފިޔާ (6.5 އިންސައްތަ)، ގްރީން ޓެކްސްގެ ގޮތުގައި 57.16 މިލިއަން ރުފިޔާ (5.7 އިންސައްތަ)، އެއަރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 50.2 މިލިއަން ރުފިޔާ (5.0 އިންސައްތަ) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 125.98 މިލިއަން ރުފިޔާ (12.6 އިންސައްތަ) ލިބިފައިވެއެވެ.

އޮކްޓޯބަރު 2021ގައި ބަލައިގެންފައިވާ އާމްދަނީގެ ތެރޭގައި 38.20 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ