އިތުބާރަކީ ޕާކިސްތާނާއި އިންޑިއާގެ ގުޅުން ބަދަހި ކުރުމުގައި އެންމެ މުހިންމު ކަންތައް - މޯދީ

ސައުތު އޭޝިޔާގެ ނިއުކުލިއަރ ދެބާރު ކަމުގައިވާ ޕާކިސްތާނާއި އިންޑިއާގެ ހީނަރުވެފައިވާ ގުޅުން ބަދަހިކުރުމުގައި އެންމެ މުހިންމު ކަމަކީ ދެގައުމުން އެއްގައުމު އަނެއްގައުމަށް ކުރާ އިތުބާރު ކަމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

މޯދީ މިހެން ވިދާޅުވެފައިވަނީ، މޯދީ އިންޑިއާގެ ބޮޑުވަޒީރު ކަމަށް ދެވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގަތުމާއި ގުޅިގެން، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން މަރުހަބާ ދަންނަވައި ފޮނުވި ސިޓީއަށް ޖަވާބު ދެއްވަވައި ފޮނުއްވި ސިޓީގައެވެ.

އިންޑިއާ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ރަވޭޝް ކުމާރް މިއަދު ބުނެފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން މޯދީ އަށް މަރުހަބާ ދަންނަވައި ފޮނުވި ސިޓީގެ ޖަވާބު ބޮޑުވަޒީރާއި އަދި ފޮރިން މިނިސްޓަރު ދެއްވައިފައި ވާކަމަށެވެ. އިންޑިއާއިން އެގައުމުގެ އަވަށްޓެރި ގައުމުތަކާ އަދި ޕާކިސްތާނާއެކު ސުލްހަވެރި އަމާން ގުޅުމެއް ބާއްވަން ބޭނުންވާކަން މި ސިޓީގައި ބުނެފައި ވާކަމަށެވެ.

އިންޑިއާ އަދި ޕާކިސްތާނުގެ ގުޅުން މިފަހުންވަނީ ވަރަށް ބޮޑަށް ގޯސްވެގެން ގޮސްފައެވެ. މިގުޅުން ގޯސްވެފައިވަނީ ދެގައުމުން ކޮންޓްރޯލް ކުރަމުންދާ ކަޝްމީރުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތަކުން އިންޑިއާގެ ސިފައިންގެ ވެހިކަލަކަށް ހަމަލާދީ އިންޑިއާ ސިފައިންގެ ބަޔަކު މަރާލުމާއި ގުޅިގެންނެވެ.

އިންޑިއާއިން ތުހުމަތު ކުރަނީ ޕާކިސްތާނުން ހަނގުރާމަވެރި ޖަމާއަތްތަކަށް އެހީތެރި ވާކަމަށެވެ. ނަމަވެސް މި ތުހުމަތުތައް އިންޑިއާއިން ދޮހު ކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް