ފޮޓޯ: މިހާރު

ކޮންޓްރޯލް އަގަށް ވުރެ ބޮޑުކޮށް ބޭސް ވިއްކާ ނަމަ ޖޫރިމަނާ ކުރަނީ

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ދިވެހިރާއްޖޭގައި ޑަކްޓަރީ ބޭސް ވިއްކުމުގެ އެންމެމަތީ އަގު ނުވަތަ ބޭހުގެ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމް.އާރް.ޕީ) ކަނޑައެޅަން ނިންމުމާއި ގުޅިގެން، ކަނޑައަޅާ އަގަށް ވުރެ ބޮޑު އަގުގައި ބޭސް ވިއްކާ ނަމަ ޖޫރިމަނާކުރާނެ ކަމަށް ހެލްތް މިނިސްޓްރީން ހާމަކޮށްފިއެވެ.

އަންނަ އަހަރުގެ ޖެނުވަރީން ފެށިގެން އަސާސީ ބޭހަށް އެމްއާރުޕީ ކަނޑައެޅުމުގައި ބޭސް ގަންނަ އަގަށް ބޮޑުވެގެން ލެވޭނީ %100ގެ މާކްއަޕެއް ކަމަށާއި އެގޮތުން ރާއްޖެއަށް އެތެރެކޮށް ވިއްކާ ހުރިހާ ބޭސްތަކަށް އެމްއާރުޕީ ކަނޑައެޅުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ވިދާޅުވެފަ އެވެ. އަދި އަސާސީ ބޭހުގެ އިތުރުން ރާއްޖެ އިމްޕޯޓު ކުރާ އެހެނިހެން ހުރިހާ ބޭހަކަށްވެސް އަންނަ މެދު ތެރޭގައި  އެމްއާރުޕީ ތަންފީޒު ކުރާނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ އިއުލާންކޮށްފަ އެވެ.

ހެލެތް މިނިސްޓްރީން ރޭ ގެޒެޓް ކޮށްފައިވާ ލިޔުމުގައި ބުނެފައި ވަނީ، ކަނޑައަޅައިފައިވާ އެމް.އާރު.ޕީ އަށް ވުރެ ބޮޑު އަގުގައި ބޭސް ވިއްކުމަކީ މަނާކަމެއް ކަމަށެވެ. އަދި ކަނޑައަޅައިފައިވާ އެމް.އާރު.ޕީ އަށް ވުރެ ބޮޑު އަގުގައި ބޭސް ވިއްކާ ފަރާތްތަކާމެދު ޤާނޫނުގެ ތެރެއިން ފިޔަވަޅު އެޅޭނެ ކަމަށެވެ.

މި ގަވާއިދުގައިވާ ގޮތުން އެމްއާރުޕީ ތަންފީޒު ކުރަން ފެށުމަށް ފަހު، އެ ގަވާއިދާ ހިލާފަށް ބޭސް ވިއްކާނަމަ އެ ތަނެއް އެންމެ ފުރަތަމަ 10،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. ދެވަނަ ފަހަރަށް އެކަން ތަކުރާރުވެއްޖެނަމަ 10،000 ރުފިޔާ އާއި 50،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެވެ. އަދި ތިންވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 50،000 ރުފިޔާ އާއި 100،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ގަވާއިދުގައިވެއެވެ.

ފާމަސީތަކުގައި ވިއްކާ ބޭހުގެ އެމް.އާރް.ޕީ ފެންނަ ގޮތަށް ނުހުންނަ ތަންތަން ނުވަތަ އެމް.އާރު.ޕީ އެނގޭނެ ގޮތުގެ އިންތިޒާމު ފާމަސީގައި ހަމަޖެހިފައި ނުހުންނަ ތަންތަނާމެދުވެސް މިނިސްޓްރީން ވަނީ ފިޔަވަޅު އަޅަން ނިންމައިފަ އެވެ.

އެގޮތުން، ކަނޑައެޅިފައިވާ އެމްއާރުޕީ ނުފެންނަ ގޮތަށް ހުންނަ ފާމަސީތައް ނުވަތަ ތަންތަން އެންމެ ފުރަތަމަ ފަހަރު ޖޫރިމަނާ ކުރާނީ 10،000 ރުފިޔާއިންނެވެ. ދެވަނަ ފަހަރަށް ތަކުރާރު ވެއްޖެނަމަ 10،000 ރުފިޔާ އާއި 50،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ތިން ފަހަރަށްވުރެ ގިނައިން މިކަންތައް ތަކުރާރުވާނަމަ 50،000 އާއި 100،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ވަނީ ނިންމައިފައެވެ.

މި ގަވައިދަށް އަމަލު ކުރަން ފަށާނީ އަންނަ ޖެނުއަރީ މަހުން ފެށިގެންނެވެ.

އެމް.އާރު.ޕީ ކަނޑައެޅުމަށްފަހު، އެ އަގުތައް، ކޮންމެ ތިން އަހަރަކުން 1 ފަހަރު މިނިސްޓްރީން މުރާޖާ ކުރަންވާނެ ކަމަށްވެސް މިނިސްޓްރީން ގެޒެޓް ކުރި ގަވާއިދުގައި ވިދާޅުވެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް