މަތީ ޘާނަވީއާ ކުރިމަތިލާ ކުދިންގެ ޢަދަދު މަދުވުމުން ރައީސް ކަންބޮޑުވުން ފާޅުކޮށްފި

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ޘާނަވީ އިމްތިޙާން ނިންމާ، މަތީ ޘާނަވީއާ ކުރިމަތިލާ ކުދިންގެ ޢަދަދު މަދުކަމަށާއި ދައުލަތުގެ މުއައްސަސާތަކާ ބެލެނިވެރިންވެސް، ދަރިވަރުންނަށް މަތީ ޘާނަވީ ފުރިހަމަކުރަން ހިތްވަރުދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގެންނެވީ 2019 ވަނަ އަހަރުގެ ޘާނަވީ އިމްތިޙާނުތަކުގެ މަތީ ވަނަތަކަށް އިނާމު ދިނުމުގެ ގޮތުން ރޭ އަމީނިއްޔާ ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި މިނިސްޓަރ އޮފް އެޑިޔުކޭޝަން, ޑޮކްޓަރ ޢާއިޝަތު ޢަލީގެ އިތުރުން ތަޢުލީމީ ދާއިރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިދިޔަ 5 އަހަރަށް ބަލާއިރު، ކޮންމެއަހަރަކު މަތީ ޘާނަވީއަށް ވަންނަނީ ޘާނަވީ ހަދާ ކުދިންގެ 35.4 އިންސައްތަ ކުދިންކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން 64.6 އިންސައްތަ ކުދިން މަތީ ޘާނަވީއަށްދާން ބޭނުން ނުވާ ސަބަބު ދެނެގަންނަން ޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ މަޤްޞަދަކީ ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ މީހުން ބިނާކުރުމާއި ދަރިވަރުންނަށް ފާގަތި މުސްތަގުބަލެއް ހޯދައިދިނުންކަމަށެވެ. އެ ގޮތުން ފާއިތުވި 3 އަހަރުގެ ތެރޭގައި ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނެސްދެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ސަރުކާރުން ހުޅުވާލި، ރާއްޖޭގައި ތިބެގެން ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ޕްރޮގްރާމާއި ހެނދުނުގެ ނާސްތާ ޕްރޮގްރާމާއި 2019 ވަނަ އަހަރު ފެށި އިންޓަރގްރޭޓެޑް ހެލްތް ސްކްރީނިންގ ޕްރޮގްރާމަކީ މިގޮތުން ސަރުކާރުން ކުރިޔަށްގެންދާ ކާމިޔާބު މަސައްކަތްތަކެއްކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އުނގެނުމުގެ ޙައްޤު، ތަޢުލީމީ ހުރިހާ މަރުޙަލާއެއްގައި ފުރިހަމައަށް ކަށަވަރުކޮށްދިނުމުގެ ގޮތުން ރާއްޖޭގައި މުޅިން އަލަށް ތަޢުލީމުގެ ޤާނޫނަކާއި މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނެއް އެކުލަވާލައި މި އަހަރުގެ ތެރޭގައި ޢަމަލުކުރަން ފަށާފައިވާކަން ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ތަޢުލީމީ ދާއިރާއަށް ޚާއްޞަކޮށްގެން ޔުނެސްކޯ އެހީގައި އެކުލަވައިލި އައިސީޓީ މާސްޓަރ ޕްލޭނަށް ވެސް މިއަންނަ ޖެނުއަރީ މަހުގެ ތެރޭގައި ޢަމަލުކުރަން ފަށާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިއަހަރުގެ ތެރޭގައި މުޅިން އަލަށް ފަށާ، ސެޓެލައިޓް މަފްހޫމުގެ ދަށުން ކިޔަވައިދިނުމުގެ ޕްރޮގްރާމުގެ ތަފްޞީލުތަކަށް ވެސް އަލިއަޅުވާލެއްވިއެވެ.
މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައި ވަނީ ސްކޫލްގައި ކިޔަވާ ޢުމުރުގެ ކުދިން މަދުވުމުގެ ސަބަބުން، ސުކޫލު ނެތް ތިން ރަށެއްކަމުގައިވާ ބ. އަތޮޅު ފެހެންދުއާއި ވ. ތިނަދުއާއި އެއަތޮޅު ރަކީދޫގައި މި އަހަރުގެ 2 ވަނަ ޓާމުގައެވެ. މި ބަދަލާއެކު މި 3 ރަށުގެ ދަރިވަރުން، ކިޔެވުމަށްޓަކައި ފެރީއެއްގައި އެހެން ރަށަކަށް ދަތުރުކުރާކަށް ނުޖެހެނޭއެވެ. މި ޕްރޮގްރާމުގެ ދަށުން މި 3 ރަށުގެ ދަރިވަރުންނަށް ކިޔަވައިދިނުމަށް ހަމަޖެހިފައި ވަނީ، މާލޭގެ ހުރަވީ ސްކޫލްގައި ޤާއިމުކޮށްފައި ހުންނަ ސެޓެލައިޓް ހަބްގައި ތިއްބަވާ ޓީޗަރުންނެވެ.

2019 ވަނަ އަހަރު ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން 2 ވަނަ ޙާޞިލުކޮށްފައިވާ 21 ދަރިވަރުންނަށް ޓްރޮފީއާ ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. އަދި މި އިމްތިޙާނުތަކުން މުޅި ދުނިޔޭގެ ފެންވަރުގައި އެކިއެކި މާއްދާތަކުން 2 ވަނައިން ފެށިގެން 10 ވަނަ އާ ހަމަޔަށް ވަނަތައް ހޯދި 42 ދަރިވަރުންނަށް ކެމްބްރިޖް އިން ދެއްވާ ސެޓްފިކެޓާއި ގަލަން އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ދެއްވާ ޓްރޮފީއާ ހަނދާނީ ލިޔުން މި ޙަފްލާގައި އެދަރިވަރުންނާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.

2019 ވަނަ އަހަރު ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން މުޅި ދުނިޔޭގެ ފެންވަރުގައި އެކިއެކި މާއްދާތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑަލްއާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނުންދޭ ޓްރޮފީއާ ހަނދާނީ ލިޔުން އަދި ކެމްބްރިޖުން ދެއްވާ ސެޓްފިކެޓާ ގަލަން ޙާޞިލުކުރި 5 ދަރިވަރުންނަށް މި އިނާމުތައް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ.

މީގެ އިތުރުން 2019 ވަނަ އަހަރު ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން 1ވަނަ ޙާޞިލުކޮށްފައިވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާ، އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަނުންދޭ ޓްރޮފީއާ ހަނދާނީ ލިޔުން ލިބޭ 10 ދަރިވަރުންނަށް މި އިނާމުތައް ޙަވާލުކޮށްދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާއެވެ.

2019 ވަނަ އަހަރުގެ ޘާނަވީ އިމްތިޙާނުތަކުގެ މަތީ ވަނަތައް ޙާޞިލްކޮށް މިރޭގެ ޖަލްސާގައި އިނާމު ޙާޞިލުކުރި ކުދިންގެ ތެރޭގައި، މުޅި ދުނިޔެއިން އެއްވަނަ ހޯދި 5 ދަރިވަރަކު ހިމެނޭއިރު ދުނިޔޭގެ އެންމެ މޮޅު 10 ވަނައިގައި ހިމެނުނު 42 ދަރިވަރަކު ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

ހިޔާލު

  1. އަހުމަދު

    ބަލަ ޒުވާނުންނަށް އެގިއްޖެއޭ މަތީ ތައުލީމު ހޯދުމަށްވުރެން ކާމިޔާބީ ޕާޓީގެ އެކްޓިވިސްޓުކަން ކުރީމަކަން. ކިޔަވައިގެން ތިބި މީހުންނަށް އަމުރު މައުރޫފު ހިންގާން ތިބެނީ ނުކިޔަވައިތިބޭ ޖާހިލުންކަން.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް