އަލީ ވަހީދު ރާއްޖެ ގެނެވޭކަށް ނެތް: ސީޕީ

ޓްއަރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު އެމިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ ކުރިކަމަށް ތުހުމަތު ކުރެވި ދައުވާ ވެސް އުފުލާފައިވާ އަލީ ވަހީދު ރާއްޖެ ގެނައުމަށް އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު ނަމަވެސް އަދި ރާއްޖެ ގެނެވޭނެ ފަދަ ގޮތެއް ނެތް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު މިހެން ވިދާޅުވެފައި ވަނީ، ވީ މިއަދު ހޯމް ސެކްޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންވެ.

މިދިޔަ މަހުގެ 11 ވަނަ ދުވަހު އޮތް އަލީ ވަހީދުގެ މައްސަލައިގެ ޝަރީއަތަށް ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އެންގުމުންވެސް، ޝަރީއަތަށް އަލީ ހާޒިރުނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ 2 މަސް ދުވަހާއި 12 ދުވަހަށް އަލީ ވަހީދު ޖަލަށް ލުމަށް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

އަދި މި ހުކުމް ތަންފީޒު ކުރުމަށް އަލީ ވަހީދު ރާއްޖެ ގެނައުމަށް ކަރެކްޝަނަލް ސާވިސް އިން ފުލުހުންގެ މުއައްސަސާގައި އެދިފައިވީނަމަވެސް، މިއަދާއި ހަމައަށްވެސް އޭނާ ރާއްޖެ ގެނެވިފައެއް ނުވެއެވެ.

ސީޕީ ހަމީދު މިއަދު ވިދާޅުވީ، އަލީ ވަހީދު ޝަރީއަތަށް ހާޒިރުކުރުމަށްޓަކަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތްތަކެއް މިހާރު ކުރަމުންދާ ކަމަށެވެ. ނަމަވެސް މިހާތަނަށް އިންޓަޕޯލުން އަލީ ވަހީދު ހައްޔަރުކުރުމަށް ރެޑް ނޯޓިސް ނެރެފައިނުވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ، އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން އަދި އަލީ ވަހީދު ހައްޔަރުކޮށްގެން ރާއްޖެ ނުގެނެވޭނެ ކަމަށާއި، ނަަމަވެސް ހައްޔަރުކުރުމުގެ އަމުރެއް ކޯޓުން ނެރޭ ހިސާބުން އެ މަސައްކަތް ހިނގާނެ ކަމަށެވެ.

"އިންޓަޕޯލު ރެޑް ނޯޓިސްތަކަކީ އެކި ޖުރިސްޑިކްޝަންތަކުގައި އެކި ގައުމުގައި އެކި ގޮތްގޮތަށް އެއަށް އަމަލުކުރާ ނޯޓިސްތަކެއް، އިންޓަޕޯލު ރެޑް ނޯޓިސް ނެރުމަކުންނެއް، އެ މީހަކު ހައްޔަރުކޮށްގެން އަޅުގަނޑުމެންގެ ޖުރިސްޑިކްޝަން ތެރެއަކަށް ނުގެނެވޭނެ،" ސީޕީ ވިދާޅުވިއެވެ.

އަލީ ވަހީދުގެ މައްޗަށް ދަށު ކޯޓުގައި ޝަރީއަތް ކުރިއަށްދަނިކޮށް، އޭނާ ރާއްޖޭން ފުރައިގެން ގޮސްފައިވަނީ ބޮޑެތި ތުހުމަތުތަކެއް އޮތުމުން ޕާސްޕޯޓް ހިފަހައްޓަން ނެރެފައި އޮތް އަމުރު ބާތިލްކުރުމާ އެކު އެވެ.

ބޭސްފަރުވާއަށް ދިޔުމަށް ހުއްދަދީ، އަލީ ވަހީދުގެ ޕާސްޕޯޓް ކުރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ދޫކުރެއްވީ އޭނާގެ މައްޗަށް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ) ޖާމިނުވުމުންނެވެ. ނަމަވެސް، އެ އެއްބަސްވުމުގެ މުއްދަތު ހަމަވިއިރު ވެސް އަލީ ވަހީދު ރާއްޖެ ނާދެ އެވެ.

 

މިލިޔުން ކިޔާލުމުން
11112
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ